މިނިސްޓަރު އިބްރާހީމް ފައިސަލް

އަމާޒަކީ އާ ސަރަހައްދުތަކުގައި ފަތުރުވެރިކަން ފެށުން: ފައިސަލް

މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ފަތުރުވެރިކަން ނެތް ސަރަހައްދުތަކަށް ފަތުރުވެރިކަން ފުޅާކުރުން ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ފައިސަލް ވިދާޅުވީ މުޅި ރާއްޖެއަށް ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ފަތުރުވެރިކަން ނެތް ސަރަހައްދުތަކަށް ފަތުރުވެރިކަން ފުޅާކުރުމަށް އިންވެސްޓަރުންނަށް ލުއި ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެ ގޮތުން ފަތުރުވެރިކަން ފުޅާވެފައި ނެތް ސަރަހައްދުތަކުން ފަތުރުވެރިކަމަށް ނަގާ ރަށްތަކުން ކުލި ކުޑަކުރުމާއި ޓެކްސް ލުއި ފަދަ ކަންކަމާއެކު އިންވެސްޓަރުން އަންނާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

މީގެ އިތުރުން ފަތުރުވެރިކަން ސިންދަފާތުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެ ގޮތުން ސްޕޯޓްސް ޓޫރިޒަމްގެ ޕްރޮޕޯޒަލްއެއް މިހާރުވެސް ލިބިފައިވާ ކަމަށް މިނިސްޓަރު ފައިސަލް ވިދާޅުވި އެވެ.

ރާއްޖޭގައި ފަތުރުވެރިކަން ފެށުނީ މީގެ 52 އަހަރު ކުރިން 1972 ވަނަ އަހަރު އެވެ. ރާއްޖެއަށް އެންމެ ފުރަތަމަ ފަތުރުވެރިންގެ ގްރޫޕެއް އައީ އެ އަހަރުގެ ފެބްރުއަރީ 16 ވަނަ ދުވަހު އެވެ. އަދި ރާއްޖޭގެ އެންމެ ފުރަތަމަ ރިސޯޓް ހުޅުވީ އެ އަހަރުގެ އޮކްޓޫބަރު ތިން ވަނަ ދުވަހު އެވެ.

ރާއްޖޭގައި މި ވަގުތު ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 175 ރިސޯޓާއި 887 ގެސްޓްހައުސް އާއި 152 ސަފާރީ އުޅަނދުގެ އިތުރުން 14 ހޮޓާ ދަނީ ހިންގަމުންނެވެ.