މާލޭގައި ހުންނަ އާ ސަހަރާ މިއަދު އަލުން ހުޅުވައިފި އެވެ.
ސަހަރާ ހުޅުވުމުގެ ރަސްމިއްޔާތު އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ އާ ސަހަރާގެ މިސްކިތާއި ޖަނާޒާގެ ކަންތައް ކުރުމަށް ހަމަޖެހިފައިވާ އިމާރާތް އަލުން ބޮޑުކޮށް ހުޅުވާފައިވާ ކަމަށާއި ޖަނާޒާގެ ކަންތައް ތަނަވަސް ކަމާއެކީ ކުރެވޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާނެ ކަމަށެވެ.
"މިއަދުން ފެށިގެން މި ހިދުމަތް ކުރިއަށް ވުރެ ފުރިހަމައަށް ލިބޭނެ ވާހަކަ ދަންނަވަން،" މާލެ ސިޓީ ކައުންސިލުން ބުންޏެވެ.
މިސްކިތް ހުޅުވުމަށްފަހު މިއަދު ރައީސް މުއިއްޒާއި، މާލޭ މޭޔަރު އަލީ އާޒިމްގެ އިތުރުން ބައެއް އިސް ބޭފުޅުން ހުކުރު ނަމާދު ވެސް އެ މިސްކިތުގައި ކުރެއްވި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނި ގޮތުގައި މިސްކިތުގައި މިހާރު 3,200 އަކަފޫޓު އިތުރުވާނެ އެވެ.
އަދި އާސަހަރާގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ފާހަނާއަކާއި އަންހެނުންނަށް ހާއްސަ ފާހާނައަކާއި ނަމާދު ކުރާ ބައެއްގެ އިތުރުން ޖަނާޒާތަކަށް އަންނަ މީހުން މަޑުކޮށްލާނެ ސަރަހައްދެއް ވެސް ވަނީ ތަރައްގީކޮށްފަ އެވެ.
އާސަހަރާގައި ހަދަމުންދާ އިމާރާތުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ މިދިޔަ އަހަރުގެ މެއި މަހު އެވެ. އިމާރާތުގެ މަސައްކަތް އޭގެފަހުން ވަނީ ތިން ބަޔަކާ ހަވާލުކޮށްފަ އެވެ. އިމާރާތުގެ މަސައްކަތް ފުރަތަމަ ހަވާލުކުރީ ޕީއެންޕީ މޯލްޑިވްސްއާ އެވެ.
އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާތީ އެއްބަސްވުން ބާތިލްކުރިއިރު ޕީއެންޕީ މޯލްޑިވްސް އަށް 3.6 މިލިއަން ރުފިޔާއާ އެކު މުޅި ޕްރޮޖެކްޓުގެ 53 ޕަސަންޓް ފައިސާ އޮތީ ދޫކޮށްފަ އެވެ. މީގެ ތެރޭގައި ހިމެނެނީ 15 ޕަސެންޓު އެޑްވާންސް ފައިސާއާ އެކު މަސައްކަތަށް ދޫކުރި 2.6 މިލިއަން ރުފިޔާ އެވެ.
އޭގެފަހުން އާ ސަހަރާގެ މަސައްކަތް ބީސިކްސް އިންވެސްޓްމަންޓާ 4.6 މިލިއަން ރުފިޔާއަށް ހަވާލުކުރި އެވެ.
މާލޭ ސިޓީ ކައުންސިލުން މި މަސައްކަތް އެންމެ ފަހުން ހަވާލުކުރީ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށެވެ.