މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

ޑޮޕްލާ ވެދާ ރާޑަރު މަރާމާތަށްފަހު ބޭނުން ކުރަން ފަށައިފި

މޫސުން ލަފާކުރާ ގޮތް ބެލުމަށް ބޭނުން ކުރާ ޑޮޕްލާ ރާޑަރަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކުރުމަށްފަހު މިއަދު އަލުން ބޭނުންކުރަން ފަށައިފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ -- މެޓް އޮފީހުން ބުނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް ބޭނުންކުރާ ޓެކްނޮލޮޖީ ބޭނުން ކުރާ މި ރާޑަރު މަރާމާތު ކުރުމަށްފަހު މިހާރު އޮޕަރޭޝަންގައި ބޭނުންކުރަމުންދާ ކަމަށެވެ.

މެޓް އޮފީހުން ބުނީ މި ރާޑަރަކީ ދުނިޔޭގެ ކުރި އަރާފައިވާ ގައުމުތަކުގައިވެސް މޫސުން ބެލުމަށް ބޭނުންކުރާ ރާޑަރު ސިސްޓަމެއް ކަމަށާއި، މިރާޑަރުގެ އެހީގައި މޫސުން ލަފާ ކުރެވޭނެ ކަމަށެވެ. އަދި ވައިގެ ދަތުރުތަކަށް ބޭނުންވާ މުހިއްމު މައުލޫމާތު ލިބޭނެ ކަމަށްވެސް ބުންޏެވެ.

މިރާޑަރު އެހީގައި ހުޅުމާލެއިން ފެށިގެން 250 ކިލޯމީޓަރު ރޭޑިއަސްގެ ތެރޭގައި ހިނގާ މޫސުމާ ބެހޭ މައުލޫމާތު ވަގުތުން ވަގުތަށް ދެނެގަނެވޭނެ ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.

އެ އޮފީހުން ބުނީ ރާޑަރުގެ އެހީގައި މޫސުމާ ގުޅިގެން ވާރޭ ވެހޭ ހިސާބާއި، ވިލާގަނޑުގެ ބާރުމިނާއި، ދަތުރު ކުރާ މިސްރާބު އަދި ވިލާގަނޑުގެ ބޯމިން ބަލާލެވޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ވައި ހުރި މިންވަރާއި އެކި ފަށަލަތަކުގައި ވައި ހުރި މިންވަރުވެސް ލަފާ ކުރެވޭނެ ކަމަށް ބުންޏެވެ.

"އެހެންކަމުން މި ރާޑަރަކީ ވައިގެދަތުރު ތަކުގައިވެސް ބޭނުންކުރާ މުހިއްމު މައުލޫމާތު ތަކެއް ލިބިގެންދާނެ ރާޑަރެއް،" މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން އިތުރަށް ބުނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ރާޑަރު ބަހައްޓައި، މޫސުން ބެލުމާއި، ދުރާލާ އިންޒާރު ދޭ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް މިހާރުވެސް އެ އޮފީހުން ކުރަމުންދާ ކަމަށެވެ.