ދުނިޔެ

ކަޒަކިސްތާންގައި ނިއުކްލިއާ އިންޖިނުގެއެއް، 70 ޕަސެންޓް ތާއީދު

ކަޒަކިސްތާންގައި ނިއުކްލިއާ ޕަވާ ޕްލާންޓެއް -- ނިއުކްލިއާ އިންޖީނުގެއެއް ބިނާކުރުމަށްޓަކައި، އާންމު ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ބޯޓެއް ނަގައިފި އެވެ.

ވޯޓުގެ ނަތީޖާ ބުރަވަނީ ނިއުކްލިއާ އިންޖީނު ގެއެއެް ބިނާކުރުން ރަނގަޅު ކަމަށެވެ. ވޯޓުލީ މީހުންގެ 71.12 ޕަސެންޓް މީހުން ވަނީ ސަރުކާރުގެ މި ވިސްނުން އެންމެ ރަނގަޅު ކަމަށް ބުނެފަ އެވެ.

ކަޒަކިސްތާންގައި މީގެކުރިން ނިއުކްލިއާ އިންޖީނުގެއެއް ބިނާކޮށްފައެއް ނުވެ އެވެ. މިހެން ކަން އޮތުމުން ސަރުކާރުން ނިންމީ މި ޕްރޮޖެކްޓާ މެދު އާންމުން ދެކޭ ގޮތް ބެލުމަށެވެ.

އިލެކްޝަން ކޮމިޝަނުން ބުނި ގޮތުން ވޯޓުލުމުގެ ހައްގު އޮތް 12.2 މިލިއަން މީހުންގެ 63.66 ޕަސެންޓް -- 7.8 މިލިއަން މީހުން މި ވޯޓަށް އިޖާބަދިނެވެ.

ވޯޓުލީ މީހުންގެ ތެރެއިން 5.5 މިލިއަން މީހުން ވަނީ މިކަމަށް ރުހިފަ އެވެ. އަދި މިއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށް ދެ މިލިއަން މީހުން ބުނެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުންޏެވެ.

ވޯޓު ލުމުގެ މަސައްކަތްތައް ހިނގާ ދިޔަ ގޮތް ބެލުމަށްޓަކައި ކަޒަކިސްތާނަށް ގޮސް ތިބި ވަފުދުގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ވޯޓުލުމުގެ ތެރޭގައި ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ހިނގާފައެއް ނުވެ އެވެ.

ކަޒަކިސްތާންގައި ނިއުކްލިއާ އިންޖީނުގެއެއް ބިނާކުރުމުގެ ޚިޔާލު އެންމެ ފުރަތަމަ ދެއްވީ އެ ގައުމުގެ ރައީސް ގާސިމް ޖޫމަރާތު ތަކާޔީފް އެވެ. އޭނާ ވިދާޅުވި ގޮތުގައި ނިއުކްލިއާ ޕަވާ ޕްލާންޓެއް ބިނާކުރަން ޖެހެނީ އަންނަ ޖީލުތަކަށްޓަކަ އެވެ. އާބާދީ އިތުރުވަމުން އަންނައިރު ދެމެހެއްޓެނިވި ގޮތުގައި ހަކަތަ އުފެއްދޭނެ ވަސީލަތްތައް ގާއިމުކުރުމަކީ ދައުލަތަށް އޮތް ވާޖިބެއް ކަމަށް ދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ރައީސް ގާސިމް ޖޫމަރާތު ތަކާޔީފްގެ މި ރޭވުމަށް ފާޑުކިޔާ މީހުން ދެކޭ ގޮތުގައި ނިއުކްލިއާ ހަކަތައާ ނުލައިވެސް ގައުމު ދެމެހެއްޓިދާނެ އެވެ. ނިއުކްލިއާ ހަކަތަ އުފައްދަން ކުރާ މަސައްކަތަކީ ވަރަށް ނުރައްކާތެރި މަސައްކަތެއް ކަމަށް ވެސް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.

ކަޒަކިސްތާން އަކީ ސޯވިއެޓު ޒަމާނުގައި ނިއުކްލިއާ ހަކަތައިގެ ބިރު ފެނިފައި އޮތް އާބާދީއެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސޯވިއެޓް ޒަމާނުގައި އިރުއިތުރު ކަޒަކިސްތާންގައި 450 ނިއުކްލިއާ ޓެސްޓްކޮށްފައިވެ އެވެ. ނަމަވެސް، 1991 ގައި މި ޓެސްޓްތައް ހުއްޓާލައި ވަނީ ފަސްއަޅާފަ އެވެ.