ބައިނަލްއަގްވާމީ ގާނޫނާ ފުށުނާރާ ހުރިހާ އުސޫލަކުން އީރާނަށް ނިއުކްލިއާ ހަކަތަ އުފެއްދެން ޖެހޭނެ ކަމަށް ރަޝިއާ ގަބޫލުކުރައްވާ ކަމަށް އެ ގައުމުގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވެއްޖެ އެވެ.
ނިއުކްލިއާ ހަކަތަ އުފެއްދުމާ ގުޅޭ ގޮތުން އީރާނުން އަމަލުކުރަމުން ދަނީ ބައިނަލްއަގްވާމީ އުސޫލުތަކާ އެއްގޮތަކަށް ކަމަށް ޕެސްކޯފް ވިދާޅުވި އެވެ. އީރާނުން އަސްކަރީ ފެންވަރަށް ނިއުކްލިއާ ހަކަތަ މުއްސަނދިކުރާ ކަމުގެ ހެއްކެއް، އެއްވެސް ބަޔަކަށް ދެއްކިވައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕެސްކޯފް ވިދާޅުވި ގޮތުން ނިއުކްލިއާ ހަކަތައާ ގުޅުވައިގެން އޮތީ އީރާނަށް ކުރެވޭ ތުހުމަތެކެވެ. މި ފަދައިން ކުރެވޭ ތުހުމަތަކީ ހަގީގަތް ކަަމަށް ރަޝިއާ ގަބޫލުނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
އީރާންގެ ކިބައިގައި ނިއުކްލިއާ ގާބިލުކަން ހުރި މިންވަރަށް ބަލާއިރު، ނިއުކްލިއާ ހަތިޔާރު އުފެއްދޭ ފެންވަރަށް ތަރައްގީވެފައި ނުވާ ކަމަށްވެސް ޕެސްކޯފް ވިދާޅުވި އެވެ.
ރަޝިއާ އާއި އެމެރިކާއާ ދެމެދު އުދާސްވެފައި އޮތް ގުޅުން ހަރުދަނާކުރަން ކުރެވޭ މަޝްވަރާތަކުގައި، އީޜާންގެ ނިއުކްލިއާ ޕްރޮގެރާމަކީ ވެސް ހިމެނޭ މައުލޫއެކެވެ.
އީރާން އާއި ރަޝިއާއާ ދެމެދު އޮތް ގާތް ގުޅުމަށް ބަލާއިރު، ރަޝިއާއިން ދޭ އިރުޝާދާއި ލަފާ އީރާނުން ބަލައިގަންނާނެ އެވެ. އަދި ރަޝިއާއާ ދެކޮޅަށް ކޮންމެ ކޮންމެ ކަމެއް އީރާން ނުކުރާނެ އެވެ.
އެެމެރިކާގެ ވިސްނުމަކީ ރަޝިއާ ލައްވައި އީރާން ސައިޒުކުރުމެވެ. ނަމަވެސް، މިކަން ކުރެވެން އޮތީ ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު ކަމެއް އީރާނުން ކުރާ ނަމަ އެވެ.
ޗައިނާ އާއި ރަޝިއާގެ އޮފިޝަލުން ގުޅިންގެ އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ރަނގަޅަށް ބަލައި ފާސްކުރުމަށް ފަހު ވަނީ ބަޔާނެއް ނެރެފަ އެވެ.
އެ ބަޔާނުގައި ބުނެފައި އޮތް ގޮތުން އެމެރިކާ ކަންބޮޑުވާ ވަރުގެ ކަމެއް އީރާންގައި ނުހިންގަ އެވެ.