ދުނިޔެ

ނިއުކްލިއާ ހަނގުރާމައެއް ނުކުރަން ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެމްބަރުން އެއްގަލަކަށް

ދުނިޔޭގައި ނިއުކްލިއާ ހަނގުރާމައެއް ނުހިނގާނެކަން ކަށަވަރު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެމްބަރުން ބުނެފި އެވެ.

އެމެރިކާ އާއި ޗައިނާ، ރަޝިއާ އާއި ފްރާންސް އަދި އިނގިރޭސިވިލާތް ގުޅިގެން ނެރެފައިވާ ބަޔާނެއް ބުނާ ގޮތުން އެގައުމުތަކުގައި ހުރި ނިއުކްލިއާ ބާރުވެރިންކަން އެއްވެސް ގައުމަކާ ދެކޮޅަށް ބޭނުމެއް ނުކުރާނެ އެވެ.

ނިއުކްލިއާ ވާދަވެރިކަމެއް ދުނިޔޭގައި ފެށިއްޖެ ނަމަ އިންސާނިއްޔަތަށް ވަޒަން ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުން ލިބޭނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އެހެންކަމުން ނިއުކްލިއާ ބާރުވެރިކަމަކީ ހަނގުރާމައިގެ ހަތިޔާރެއް ގޮތުގައި ދެކިގެން ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ދުނިޔޭގައި އެންމެ ނުފޫޒުގަދަ ނިއުކްލިއާ ފަސްބާރުން މިހެން ބުނެފައިވާއިރު އެއިން ކޮންމެ ގައުމެއްގައި ވެސް ދުނިޔެ ސުންނާފަތިކުރެވޭ ވަރުގެ ނިއުކްލިއާ ބާރުވެރިކަން އެބަހުއްޓެވެ. އެމެރިކާ އަކީ އަމަލީގޮތުން ޖަޕާނާ ދެކޮޅަށް އެޓޮމިކް ބޮން ބޭނުންކޮށް ހަނގުރާމައިގެ މައިދާނަށް ނިއުކްލިއާ ބާރުވެރިކަން އެންމެ ފުރަތަމަ ތައާރުފުކުރި ގައުމެވެ.

ނިއުކްލިއާ ރޭހުގައި ނުފުޒުގަދަ ގައުމުތަކުގެ މައިގަނޑު ވާދަވެރިކަމަކީ ވެސް ވޯހެޑް އިތުރުކުރުމެވެ. ނިއުކްލިއާ ހަތިޔާރު މަދުކުރާ މުއާހަދާތަކުގައި ގައުމުތަކުން ސޮއިކޮށްގެން ތިބި ނަމަވެސް އެއަކުން ލިބޭނެ ސަލާމަތެއް ނެތެވެ.

ނިއުކްލިއާ ބާރުވެެރިކަމާ ދެކޮޅަށް ގަދަބާރުތަކުން ވާހަކަދައްކަމުން ގެންދާއިރު ދުނިޔެ މިހާރު އޮތީ ނިއުކްލިއާ ހަނގުރާމައެއް ފެށޭ ހިސާބުގަ އެވެ.

ޗައިނާ އާއި ޓައިވާންއާ ދެމެދަށް އެމެރިކާ ވަދެގަނެ ދޭތެރެ ޖައްސާފައިވަނީ އެބައެއްގެ އަތުގައި ހުރިނަމަ ހުރި ބާރުވެރިކަމެއް ބޭނުން ނުކޮށް ފަރުޖެއްސެން ނެތް ވަރަށެވެ.

އީރާނާއި އިޒްރޭލާ ދެމެދުގައި ވެސް އޮތީ ނިއުކްލިއާ ހަނގުރާމައެއް ފެށިދާނެ ކަހަލަ މަޝްރަހެކެވެ. އެމެރިކާގެ ރުހުމާއެކު އީރާނާ ދެކޮޅަށް ނިއުކްލިއާ ބޭނުން ކުރުމަކީ އިޒްރޭލް ކޮށްފާނެ ކަމެކެވެ.

ރަޝިއާ އާއި ޔުކްރޭނާ ދެމެދުގައި ވެސް އޮތީ ހަނގުރާމައެއްގެ ކުލަވަރެވެ، ނިއުކްލިއާ ބާރުވެރިކަން ބޭނުން ނުކުރާނެ ކަމަށް ގައުމުތަކުން ބުނި ނަމަވެސް ހަނގުރާމައިގައި މޮޅުވާން އެެދޭ ނަމަ ނިއުކްލިއާ ވޯހެޑްތައް ވެސް ބޭނުންކޮށްފާނެ އެވެ.