ރާއްޖެއަކީ އަމިއްލަ ވިޔަފާރިތަކާއި އިންވެސްޓަރުންނަށް ފަހި ފުރުސަތުތަކެއް ހުރި ގައުމެއް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބޭއްވި ބިޒްނަސް ފޯރަމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ އިންޑިއާ އާއި ރާއްޖެއަށް ވިޔަފާރީގެ ރޮނގުން ކުރިއަށް ދެވޭނެ ކިތަންމެ ފުރުސަތު ތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާ އިން ރާއްޖޭގައި ފުޅާދާއިރާއެއްގައި އިންވެސްޓް ކުރެވިދާނެ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ރާއްޖެގައި ބޭނުންކުރާ ހަކަތައިގެ ބޮޑު ބައެއް އިއާދަ ކުރަނިވި ހަތައަށް ބަދަލުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމުގައިވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ޓެކްނޮލޮޖީގެ އެހީގައި އަމިއްލަ ވިޔަފާރިތައް ކުރިއެރުވުން ކަމަށެވެ. އަދި ފަތުރުވެރިކަން މުޅި ރާއްޖެއަށް ފުޅާކުރުމަކީވެސް ސަރުކާރުގެ ހާއްސަ އިސްކަމެއް އޮތް އަމާޒެއް ކަމުގައި ވިދާޅުވި އެވެ.
"އައްޑޫ ސިޓީގެ އެއާޕޯޓާއި ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތަކީ ރާއްޖޭގެ ވިޔަފާރި ފުޅާކުރުމުގެ މަޝަރޫއުގެ ތެރޭގައި ހިމެނޭ އެއްބައި،" މިނިސްޓަރު ވިދާޅުވި އެވެ.
ޒަމީރު ވަނީ ރާއްޖޭގައި އިންވެސްޓް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި އިންވެސްޓަރުންނަށް ފަސޭހަކޮށްދިނުމަށްޓަކައި ސަރުކާރަށް ކޮށްދެވެން ހުރި ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވެވި އެވެ.
ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާދަމާގެ ވަގުތެއްގައި ރާއްޖެ ވަޑައިގަންނަވާނެ އެވެ. ރައީސްގެ މިދަތުރުފުޅުގައި އިންޑިއާގެ ނިއުދިއްލީ، މުމްބާއީ އަދި ބެންގަލޫރަށް ވަޑައިގެން މި ތިން ތަނުގައިވެސް ބިޒްނަސް ފޯރަމްތައް ބާއްވަވައި ރާއްޖޭގައި ހުރި ފުރުސަތުތައް ވިޔަފާރިވެރިންނަށް އޮޅުންފިލުއްވައިދެއްވެވި އެވެ.