ޑރ. މުހައްމަދު މުއިއްޒު

ރާއްޖޭގެ ތަރައްގީގައި ޔޫއެންޑީޕީގެ ދައުރު މުހިއްމު: ރައީސް

ރާއްޖޭގެ ތަރައްގީގައި ޔޫއެންޑީޕީ މުހިއްމު ދައުރެއް އަދާކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޔޫއެންޑީޕީ އިން ރާއްޖޭގައި ހަރަކާތްތެރިވާން ފެށިތާ 45 އަހަރު ފުރުމާ ގުޅީގެން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ތަރައްގީވަމުންދާ ގައުމުތަކުގެ ލިސްޓަށް ރާއްޖެ ކުރިއަށް ޖެހިލިއިރު ޔޫއެންޑީޕީގެ ދައުރު ރާއްޖޭގެ ތަރައްގީގައި ވަރަށް މުހިއްމު ކަމަށެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖޭގައި މީގެކުރިން ނެތް އަސާސީ އެތައް ހިދުމަތްތަކެއް މިއަދު ރާއްޖޭގައި އެބަހުރި ކަމަށެވެ. ދިވެހި ރައްޔިތުންނަށް މި ހިދުމަތްތައް ހޯދައިދިނުމަށް ޔޫއެންޑީޕީގެ ތެރެއިން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"އިގްތިސާދު ސިންދަފާތު ކުރުމާއި އިޖުތިމާއީ ރައްކާތެރިކަމާއި އަންހެނުން ބާރުވެރިކުރުވުމާ ހިސާބުން ފެށިގެން ދިވެހިންގެ ތަރައްގީ ބައްޓަން ކުރުމަށް ޔޫއެންޑީޕީން މުހިއްމު ދައުރެއް އަދާކުރި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ސަރުކާރުން މިއަދު ކުރަމުންދާ މަސައްކަތްތަކުގައިވެސް ޔޫއެންޑީޕީގެ އެހީތެރިކަން މާޒީގައި ލިބުނު ގޮތަށް މިއަދުވެސް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖެއަށް ދަތިތައް ހުރި ނަމަވެސް ޔޫއެންޑީޕީ ފަދަ ޖަމާއަތްތައް ސަރުކާރުގެ މަސައްކަތްތަކުގައި ބައިވެރިވާނަމަ ކާމިޔާބު ހޯދެނެ ކަމަށެވެ.

"45 އަހަރަށް ވުރެ ގިނަ އަހަރު ކުރިއަށް ގެންދެވުނު ކޮންމެ މަޝްރޫއަކުންނާއި، ކޮންމެ އިސްނެގުމަކުންނާއި ކޮންމެ ކާމިޔާބަކުން އެނގެނީ އަޅުގަނޑުމެން އެކުގައި ކޮށްފައިވާ މަސައްކަތުން އައިސްފައިވާ ހެޔޮ ބަދަލު،" ރައީސް ވިދާޅުވި އެވެ.

ޔޫއެންޑީޕީގެ އޮފީހެއް ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވީ 1978 ވަނަ އަހަރު އެވެ.