ޓެކްސް

އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރާ މީހުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރަނީ

އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗާ ޓެކްސް ބޮޑުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ދިވެހިރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ޕީއެންސީގެ ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބް އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މާދަމާ ފަށާއިރު މި ބިލްގެ ފުރަތަމަ ކިޔުން އިއްވުން މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.

ސަރުކާރުން ހުށަހެޅި އިސްލާހުގައިވާ ގޮތުން އިކޮނޮމީ ކްލާހުގައި ދަތުރު ކުރާ ދިވެހިންގެ އަތުން ނަގާ ފީ ބޮޑެއް ނުކުރެ އެވެ. އެހެންކަމުން ސަރުކާރުން ހުށަހަޅާ އިސްލާހާ އެކުވެސް އިކޮނޮމީ ކްލާހުގައި ދަތުރު ކުރާ ދިވެހިންގެ އަތުން ނަގާނީ މިހާރުވެސް ނަގަމުންދާ 12 ޑޮލަރެވެ.

އެކަމަކު ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ފާސްވުމާ އެކު އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބިދޭސީއެއްގެ އަތުން މިހާރު ނަގަމުންދާ 30 ޑޮލަރުގެ ފީ 50 ޑޮލަރަށް އުފުލިގެންދާނެ އެވެ. މިއިސްލާހުގައި ބިޒްނަސް ކްލާހުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގަން ހުށަހަޅާފައިވަނީ 120 ޑޮލަރެވެ. މިހާރު ނަގަމުން ދަނީ 60 ޑޮލަރެވެ. އަދި ފަސްޓް ކްލާހުގައި ދަތުރުކުރާ އެންމެންގެ އަތުން 240 ޑޮލަރު ނަގަންވެސް ހުށަހަޅާފައިވެ އެވެ. މިހާރު ނަގަމުން ދަނީ 90 ޑޮލަރެވެ.

ރާއްޖެ އަންނަ ޕްރައިވެޓް ޖެޓުތަކުގައި ދަތުރު ކުރާ ކޮންމެ މީހެއްގެ އަތުން މިހާރު ނަގަމުން ދަނީ 120 ޑޮލަރެވެ. ނަމަވެސް ސަރުކާރުން ހުށަހަޅާފައިވަނީ އެ އަދަދު 480 ޑޮލަރަށް އިތުރުކުރުމަށެވެ.

ބިލްގައިވާ ގޮތުންނަމަ ޑިޕާޗާ ޓެކްސް އާއި އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ވެސް ނަގާނީ އެއް އަދަދަކުންނެވެ.

ސަރުކާރުން ނަގާ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އަކީ ލޯން ދެއްކުން ފަސޭހަ ކުރުމަށް ސަރުކާރުން ހަދާފައިވާ ސޮވަރިން ޑިވެލޮޕްމެންޓް ފަންޑަށް ޖަމާކުރާ ފައިސާ އެވެ. ޑިޕާޗާ ޓެކްސް އަކީ ދައުލަތުގެ ރިޒާވަށް އިތުރުވާ އެއްޗެކެވެ.

ސަރުކާރުގެ އަމާޒަކީ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ޑިޕާޗާ ޓެކްސް ބޮޑުކޮށްގެން އާމްދަނީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ އިތުރަށް ހޯދުމެވެ.

ބިލްގައިވާ ގޮތުން މިއިސްލާހު މަޖިލީހުން ފާސްކޮށްދީފިނަމަ އިސްލާހާ އެއްގޮތަށް ބޮޑު ކުރި އަދަދު ނަގަން ފަށާނީ މިއަހަރުގެ ޑިސެމްބަރުގައެވެ.