ސަރުކާރުން ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅު ތަކުގެ ނަތީޖާއެއްގެ ގޮތުން މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު މިއަހަަރުގެ މި މުއްދަތުގައި ހަރަދުތައް ދަށްވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރޭ މާލީ ހިސާބުތައް ދައްކާ ގޮތުގައި މިދިިޔަ އަހަރުގެ މިހާތަނާ އަޅާ ބަލާއިރު މިއަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހާ ހަމައަށް ލޯނަށް ކުރި ހަރަދު ހިމެނޭހެން ޖުމްލަ ހަރަދު 4.5 ބިލިއަން ރުފިޔާ ދަށް ވެފައިވެ އެވެ.
މިގޮތުން ރިކަރަންޓް ހަރަދަށް ހޭދަކޮށްފައިވާ ރުފިޔާގެ އަދަދު މިދިޔަ އަހަރުގެ މިހާތަނަށްވުރެ 4.5 ބިލިއަން ރުފިޔާ ދަށް ކަމަށް ދައްކަ އެވެ. އަދި ކެޕިޓަލް ހަރަދުވެސް މި މުއްދަތާ އަޅާބަލާއިރު 3.6 ބިލިއަން ރުފިޔާ ދަށެވެ. މިއީ މިދިޔަ އަހަރުގެ ޖޫން 20 ވަނަ ދުވަހާ ހަމައަށް ކުރި ހަރަދަށް ބަލާނަމަ 3.3 ބިލިއަން ރުފިޔާ މަދެވެ.
ދައުލަތުގެ އާމްދަނީއަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން މިދިޔަ ޖޫން 20 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވާ 631 މިލިއަން ރުފިޔާއާ އެކު ޓެކްސް އާމްދަނީ ވަނީ އިތުރުވެފަ އެވެ. އެކަމަކު މިމުއްދަތުގައި ލިބުނު ޖުމްލަ އާމްދަނީ ވަނީ 941 މިލިއަން ރުފިޔާ ދަށްވެފަ އެވެ.
މީގެއިތުރުން އާސަންދައަށް މިދިޔަ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހާ ހަމައަށް 1.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ނަމަވެސް މި އަހަރު އެ މުއްދަތުގައި އާސަންދައަށް ހޭދަކޮށްފައިވަނީ 917 މިލިއަން ރުފިޔާ އެެވެ. އަދި ސަބްސިޑީއަށް ކުރި ހަރަދު ވެސް ވަނީ 188 މިލިއަން ރުފިޔާ ދަށްވެފަ އެވެ.
މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން މިދިޔަ ޖޫން 20 ވަނަ ދުވަހުގެ ނިޔަލަށް ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ކުރި ހަރަދު ވަނީ 2.3 ބިލިއަން ރުފިޔާ ދަށްކޮށްފަ އެވެ. މީގެ ތެރެއިން އެއާޕޯޓުގެ މަޝްރޫއުތަކަށް މިދިޔަ އަހަރަށް ވުރެ މި އަހަރު ކުރި ހަރަދު 487 މިލިއަން ރުފިޔާ ދަށެވެ. ނަމަވެސް ވޭސްޓް މެނޭޖުމަންޓަށް ކުރި ހަރަދު މި އަހަރު ވަނީ 51.4 މިލިއަން އިތުރުވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ހަރަދު ކުޑަ ކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ރިކަރަންޓް ހަރަދު ކުޑަ ކުރުމަށް ކަމަށް ވިދާޅުވެފަ އެވެ.