ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ލިބުނު އާމްދަނީއަށް ވުރެ ފުރަތަމަ ފަހަރަށް ހަރަދު އިތުރުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރޭ ހަރަދާއި އާމްދަނީގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 6.86 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިމުއްދަތުގައި ސަރުކާރުން ވަނީ 7.03 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.
ސަރުކާރުގެ ހަރަދުތައް ފުރަތަމަ ފަހަރަށް އިތުރުވެފައި މިވަނީ އަހަރުގެ އެންމެ ކުރީކޮޅުން ފެށިގެން ހަރަދު ކުޑަކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށެވެ.
ސަރުކާރުގެ ހަރަދުތަކަށް ބަލާއިރު އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ މުސާރަ އަށެވެ. އެގޮތުން މުސާރައަށް 2.19 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި މުސާރަތަކަށް ކުރި ހަރަދަށް ވުރެ 200 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ސަރުކާރުން މިމުއްދަތުގައި ރިކަރަންޓް ހަރަދުގެ ގޮތުގައި ޖުމްލަ 5.66 ބިލިއަން ރުފިޔާ ހަރަދުކުރިއިރު މިދިޔަ އަހަރުގެ މިމުއްދަތުގައި ސަރުކާރުން ރިކަރަންޓް ހަރަދަށް ކުރި އަދަދަށް ވުރެ މިސަރުކާރުން މިމުއްދަތުގައި ރިކަރަންޓް ހަރަދަށް ކުރި އަދަދު ވަނީ 300 މިލިއަން ރުފިޔާ ކުޑަކޮށްފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހަރަދުތައް ކުޑަކުރިއިރު އެކަން ކޮށްފައިވަނީ ރަށްރަށުގެ ތަރައްގީއަށް ހަރަދު ކުރަންޖެހޭ ކެޕިޓަލް ހަރަދުތަކުން ބޮޑު ބައެއް ކަނޑާލައިގެންނެވެ. އެގޮތުން މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް މިސަރުކާރުން ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަކޮށްފައިވަނީ 1.37 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 1.7 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ.
މިދިޔަ އަހަރަށް ވުރެ މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ ގާތްގަނޑަކަށް 400 މިލިއަން ރުފިޔާ އިތުރުވެފައިވެ އެވެ. އެގޮތުން މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ޓެކްސް އާމްދަނީގެ ގޮތުގައި 5.94 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އުފެއްދި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް މިސަރުކާރުން މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް 198.3 މިލިއަން ރުފިޔާ ޖަމާކޮށްފައިވާއިރު މިމުއްދަތުގެ ނިޔަލަށް ލޯނު އަނބުރާ ދެއްކުމަށް 816 މިލިއަން ރުފިޔާ މިސަރުކާރުން ހޭދަކޮށްފައިވެ އެވެ.