ވާހަކަ

މިލްކުވާނެބާ

(13 އޮކްޓޯބަރ 2024 އާ ގުޅޭ)

އިރުއޮއްސުމާ ކައިރިވަމުން އައިއިރު ވެސް އޮފީހުން ނުކުންނަން ބޭނުންނުވެފައި އިޒީކިއަލް އިނެވެ. ގޮނޑިއަށް ހަށިގަނޑު ދޫކޮށްލައިގެން އޭނާގެ ނަޒަރު ފަންގިފިލާއަށް ހުއްޓާލައިގެން އިނދެ މަޑުމަޑުން ދެ ފަރާތަށް ގޮނޑި އަނބުރަމުން ދިޔަ އެވެ. ކޮންމެވެސް ޚިޔާލަކަށް އޭނާ ގެއްލިފައި އިން ކަހަލަ އެވެ. އޭނާ ހަޤީޤަތުގެ ތެރެއަށް ގެނުވީ ކުއްލިއަކަށް ހުޅުވިގެން ދިޔަ ދޮރެވެ. ބަލާލިއިރު އެތެރެއަށް ވަދެގެން އަންނާތީ ފެނުނީ ޒާހިލް އެވެ.

"އަހަރެންނަށް އެނގޭ މިޔާ ވީ ކޮންތާކުކަން." ޒާހިލް ބުންޏެވެ

ޒާހިލްގެ ވާހަކައަށް އިޒީކިއަލްގެ ހުރިހާ ސަމާލުކަމެއް ހުއްޓިއްޖެ އެވެ. އޭނާ އަވަސްއަވަހަށް ގޮނޑީގައި ހަށިގަނޑު ސީދާކޮށްލައިފި އެވެ. ޒާހިލްއާ ސުވާލު ކުރާން ފެށި އެވެ. މާޔާ ގޮވައިގެން ރާހިން ދިޔައީ ޑުބާއީއަށްކަން ޒާހިލް ބުންޏެވެ. ރާހިންގެ ކާފައާއި ބައްޕައަކީ އަބޫދާބީއަށް އުފަން އެ ތަނުގެ ރައްޔިތުން ކަމާއި ރާހިންގެ ޢާއިލާ ދިރިއުޅެނީ އެތަނުގައިކަން ޒާހިލް ކިޔާދިނެވެ. ޒާހިލްއަށް އެވަރު ދެނެގަންނަން ބޭނުންވީ ކުޑަކުޑަ އިޝާރާތެކެވެ. އޭނާ އެ މަޢުލޫމާތު ހޯދީ ފައިނާނު ދެއްކި ވާހަކައިގެ ތެރެއިންނެވެ. ޚަބަރު އޮޅުންފިލުވި ގޮތަށް އޭނާ އަވަސްވީ އެކުވެރިޔާއަށް އެ ޚަބަރު ފޯރުކޮށްދޭށެވެ.

ދަތްދޮޅީގައި ކަނާއަތްތިލަ ހިންގާލުމާއެކު އިޒީކިއަލް ފުންނޭވާއެއް ދޫކޮށްލި އެވެ. މޭޒު ދޮށުން އޭނާ ތެދުވި އެވެ. ފަޓުލޫނުގެ ދެ ފަރާތު ޖީބަށް އަތްތިލަ ކޮށްޕާލައިގެން ހުރެ އޭނާ ޒާހިލްގެ ކައިރިޔަށް އައެވެ.

"އެތަނުން އަހަރެން އޭނާ ހޯދާނީ ކިހިނެއް؟. ރާހިންގެ އެޑްރެސްއެއް ނެތްތަ؟." އިޒީކިއަލް އަހާލި އެވެ.

"ކޮމްޕެނީއަށް ގުޅިން. މާޔާ ހުރީ ނޯޕޭއެއްގައި... އޭނާގެ ޕީއޭއާ އަހަރެން ވާހަކަދެއްކިން. ޝާހިންއަށް އެނގިފައި އޮތްގޮތުން މާޔާ މެޑިކަލް ޓްރީޓްމެންޓަކަށް ރާއްޖޭން ބޭރުގައިވީ. އެތާ ހިޔެއްނުވޭ އެކަކަށް ވެސް އެނގޭނެހެން. ރާހިންއާ ކޮންޓެކްޓް ކުރުމަކީ ބޭކާރުކަމެއް. ނޫންތަ؟." ޒާހިލް ބުންޏެވެ.

"އަހަރެންނަށް ދެވޭއިރު މާ ލަސްވެއްޖެއްޔާ. އެމީހުން ކައިވެނިކޮށްގެން ތިބެދާނެ. އަހަރެންނަށް މިޔާ އަބަދަށް ގެއްލުނީ." މާޔޫސްކަމާއެކު އިޒީކިއަލްއަށް ބުނެވުނެވެ. އެކުވެރިޔާގެ ފުށުން ފެންނަ ބަދަލުތަކުން އެއީ ކުރީގެ އިޒީކިއަލްއޭ މީހަކު ނުބުނާނެކަން ޒާހިލްއަށް އެނގެ އެވެ. މިހާރު ސާފުކޮށް އިޒީކިއަލްގެ ޢަމަލުތަކުންނާއި އޭނާގެ މޫނުގައިވާ އަސަރުތަކުން ވެސް އޭނާ މިޔާ ބޭނުންވާކަން ހާމަވެ އެވެ. އެންމެ ގާތް އެކުވެރިޔާއަށް އޭނާގެ ލޯބި ހޯދައިދޭން ޒާހިލްއަށް ވެވެން އޮތް ގޮތަކުން އޭނާ އެ ހުރީ އެހީތެރިވާށެވެ.

"މެރީ ކުރިކަމެއް ނޭނގެއެއްނު. އެ ޗާންސް ނަގާކަށް ބޭނުމެއްނޫންތަ؟. ދިޔައީމަ އެއްނު އެނގޭނީ. ފަހަރެއްގައި މިޔާ ހުރެދާނެ އިޒީކިއަލް އޭނާގެ ފަހަތުން އާދޭތޯ ވެސް. މިޔާ ބޭނުންވާވަރު އެންމެ ރެއެއްގެ ބައްދަލުވުމަކުން ޕްރޫވްކޮށްދެވޭނޭ އިޒީކިއަލްއަށް ހީވަނީތަ؟. އެ އަންހެންކުއްޖާ ކިތައް އަހަރު އިޒީކިއަލްއަށް ޓަކައި ކެތްކުރަމުން އައީ. މީ އިޒީކިއަލްގެ ފަހަރު. ފަހަތުން ދުވެ އާދޭސްކޮށްގެން ވިޔަސް މިޔާއަށް ޔަޤީންކަން ދޭންވީ އިޒީކިއަލް ހަޤީޤަތުގައި ވެސް އޭނާ ދެކެ ލޯބިވާކަން. ކަމޯން ބްރަދަރ. ތި ގެންގުޅޭ އީގޯ ދޫކޮށްލާފައި ތެދަށް ކިޔާދީ. އަމިއްލަ އިޙްސާސްތައް ކިޔާދީ. އަންހެނުންނަކީ އިމޯޝަނަލް ބައެއް. އެމީހުންނަށް ބޭނުންވާނީ އިމޯޝަނަލް ސޭފްޓީއެއް... އެމީހުންނަކީ ސްމާޓްބައެއް. ކަންކަން ދެނެގަންނަލެއް އަވަސްވާނެ. މެނުޕްލޭޓް ކުރާން އުޅެފިނަމަ ޔޫ ވިލް ލޫޒް ހާ ފޮރެވާ." ޒާހިލް ވިސްނައިދިނެވެ.

"މިޔާއަށް އޮޅުވައެއްނުލާނަން." އިޒީކިއަލް މަޑުމަޑުން ބުންޏެވެ.

* * * * *

އިސްކޮޅުވަރުގެ ލޯގަނޑުން ފެންނަމުން ދިޔަ އަމިއްލަ ސޫރައަށް ބަލަން މާޔާ ހުއްޓެވެ. މަޑު ދަނބުކުލައިގެ މެކްސީ ހެދުން ހުރީ މާޔާގެ އުނަގަނޑާ ދިމާލުން ހިފާލާފަ އެވެ. އޭނާ ލައިގެން ހުރީ ރާހިން ގަނެދިން ހެދުމެކެވެ. މާޔާ ހިނިތުންވެލި އެވެ. ނަމަވެސް އޭނާއަށް ލޯގަނޑުން ފެނުނު އެ ހިނިތުން ކަމަކު ނުދިޔަ އެވެ. އަނެއްކާ ވެސް އޭނާ ހިނިތުންވެލި އެވެ. ކުރިޔަށްވުރެ ތުންފަތް ފުޅާވެލި އެވެ. އޭނާ ދެ ލޯ މަރާލުމާއެކު ފުން ނޭވާއެއް ދޫކޮށްލި އެވެ. ނަފްސު ހަމައަކަށް އަޅުވާލަން އުޅޭފަދައިންނެވެ. އެއަށްފަހު އޭނާ ލޯގަނޑަށް ބަލާލި އެވެ.

"ތިހެންތަ ކޮންމެ ދުވަހަކު އުޅޭނީ؟. ކައިވެނިކޮށްގެން ވެސް ރާހިންއަށް ދައްކާނީ ތި ފޭކު ހިނިތުންވުންތަ؟. ހިތަށް އުފާވެރިކަން ނުލިބޭކަމެއް ކުރާން އަމިއްލަ ނަފްސަށް މަޖުބޫރުކޮށްގެން ބަދަލުވާނީ ކޮންކަމެއް؟. ރާހިން އުފާކޮށްދިނުން އެކަނިތަ މުހިންމީ؟." މާޔާގެ މޫނުމަތި ވަގުތުން މިލައިގެން ދިޔަ އެވެ. އަމިއްލަ ޟަމީރުގެ އަޑު މާޔާއަށް އިވުނު ކަހަލަ އެވެ. އޭނާއަށް ކަންފަތުގައި އަތްއަޅާލެވުނެވެ.

ދޮރުގައި ޓަކިޖަހާލި އަޑާއެކު މާޔާ ސިހުނެވެ. އަވަސްއަވަހަށް އޭނާގެ މޫނުމަތި ބަދަލުކޮށްލައިފި އެވެ. އަތްދަބަސް ހިފައިގެން މާޔާ ހަލުވިކޮށް އައިސް ކޮޓަރީގެ ދޮރު ހުޅުވާލައިފި އެވެ. މާޔާއަށް ލިބުނީ ހައިރާންކަމެވެ. ދޮރުމަތީ ހުރީ ރާހިންނެއް ނޫނެވެ. އޭނާގެ އަންހެންކޮއްކޮ އެވެ.

"ސޮރީ ޓު ސަޕްރައިޒް ޔޫ. ބޭބެ ބުނީ މާޔާ ގޮވައިގެން އަންނަން." ލުއި ހިނިތުންވުމަކާއެކު ރޫޔާ ބުންޏެވެ. އެ އަންހެންކުއްޖާގެ މޫނުގައި ހިތްހެޔޮކަންވި އެވެ.

"ރާހިން ކޮންތާކުވީ؟." މާޔާ ކޮޓަރިން ނުކުންނަމުން އަހާލި އެވެ.

"ބައްޕައާއެކީ." ރޫޔާ ބުންޏެވެ.

މާޔާ ސުވާލު އުފެދުނެވެ. ރޭގައި ރާހިން ކޮޓަރިއަށް ވަންފަހުން އަދި އޭނާއާ ދިމާނުވެ އެވެ. މާޔާ ހީކުރީ ހެނދުނު ދިމާނުވިޔަސް މެންދުރު އޭނާ ގޮވައިގެން ދާންވާއިރަށް ރާހިން އަންނާނޭ ކަމަށެވެ. ރޭގައި ރާހިން ދެއްކި ވާހަކަ މާޔާ ހަނދާނެއް ނުނެތެވެ. އޭނާ ހަޤީޤަތް ހާމަކޮށްގެން ރާހިންގެ ހިތުގައި ޖެހުންނޫން ކަމެއް ނުވާނެ އެވެ.

ރާހިންގެ ޢާއިލާ ދިރިއުޅޭ ގެއަށް މާޔާ ގޮވައިގެން ރޫޔާ އައެވެ. ގޭތެރެ ޒީނަތްތެރިކޮށްފައިވާކަން އެތެރެއަށް ވަނުމާއެކު މާޔާއަށް ފާހަގަކުރެވުނެވެ. އޭނާ ކުރީން އެގެއަށް ދުވަހަށްވުރެ ވެސް ގޭގައި ހަރަކާތްތެރިވާ ޚާދިމުން ގިނަކަން ފާހަގަވި އެވެ. ރޫޔާއާއެކު ގޭތެރެއަށް ވަދެގެން އައިއިރު މާޔާގެ ނަޒަރު ހޯދަމުން ދިޔައީ ރާހިންނެވެ. އޭނާއަށް ރާހިންގެ މަންމައާއެކު އެކަނިވާން ޖެހިދާނޭތީ ހުރީ ހާސްވެފަ އެވެ. މާޔާގެ ނަސީބު ރަނގަޅުކަމުން ހުމައިރާ ފެނުނީ ޚާދިމުންނާއެކު އަވަދިނެތި އުޅޭތީ އެވެ. މާޔާ ގޮވައިގެން ރޫޔާ އައީ އޭނާގެ ކޮޓަރިއަށެވެ.

"އެންމެފަހުން މެރީކުރަނީ ދޯ. ޤަބޫލެއް ވެސް ނުކުރެވޭ. އެހެންޏާ މަންމަ ބޭބެ ކައިރީ ކައިވެންޏެއް ކުރާނީ ކޮންއިރަކުންތޯ އަހާތާ ނޭނގެ ވީ އަހަރެއް." ނިކަން ހިނިއައިސްފައި ހުރެ ރޫޔާ ބުންޏެވެ. މާޔާ ހިނިތުންވުމާއެކު އިސްއޮބާލީ އެވެ.

"ދުށީންތަ މާޔާގެ ޑްރެސް. ބޭބެ ކޮޓަރީގައި އެބަހުރި އަޅުވާފައި... ދާނަންތަ ބަލާލަން." ރޫޔާ ނިކަން ހިތްއަވަސްވެލާފައި ހުރި ގޮތަކަށް ބުންޏެވެ. އޭނާ މާޔާއަށް އެ ހެދުން ދައްކަން ބޭނުންވެފައިކަން އެ ހުރީ އެނގޭތީ މާޔާ ބޯޖަހާލި އެވެ. އެއާއެކު ވަގުތުން މާޔާގެ އަތުގައި ހިފައި ދަމާލަމުން އޭނާ ގޮވައިގެން ރޫޔާ ކޮޓަރިން ނުކުތެވެ. ސިއްރުން މާޔާ ގޮވައިގެން ގޮސް ރާހިންއަށް ޚާއްޞަ ކުރެވިފައި ހުރި ކޮޓަރިއަށް ރޫޔާ ވަނެވެ.

ރާހިންގެ ކޮޓަރިއަށް މާޔާ ވަން ފުރަތަމަ ފަހަރެވެ. ވަށައިގެން އެ ކޮޓަރިއަށް މާޔާ ބަލާލީ ފަރުވާތެރިކަމާއެކު އެވެ. ފަރުމާކޮށްފައިވާ ގޮތުން ފިރިހެންވަންތަކަން އެ ކޮޓަރިން ފާޅުވެ އެވެ. ކައިވެނިކޮށްގެން ރާހިން ގަސްދުކުރަނީ އެ ގޭގައި އޭނާގެ ޢާއިލާއާއެކު އުޅޭންބާއޭ މާޔާގެ ހިތަށް އެރި އެވެ. އެއީ ޔަޤީނުން ވެސް އެ ދެމެދުގައި ނުދައްކާ އޮތް ވާހަކައެކެވެ.

"ރީތިތަ؟." ރޫޔާގެ ސުވާލުން މާޔާގެ ޚިޔާލުތަކުން ނުކުންނަން މަޖުބޫރުވި އެވެ.

"ހޫމް... ވަރަށް ރީތި." އެއްފަރާތުގައި ހުރި ސްޓޭންޑުގައި އަޅުވާފައިވާ ކްރީމްކުލައިގެ ދިގު މެކްސީއަށް ބަލާލަމުން މާޔާ ހިނިތުންވެލި އެވެ. މިނަލާއި ވެލިފޮތީން ޖަރީކުރެވިފައި ލޭސްބައެއް ހެދުމުގެ އެއްފަޅީގައިވެ އެވެ. ޚާއްޞަ ޙަފުލާއަކަށް ލާފަދަ ހެދުމެކެވެ. އެ ހެދުމާއެކު ރާހިންގެ ކޯޓުފަޓުލޫނު އަޅުވާފައި ހުއްޓެވެ.

"ހިނގާ މަންމައަށް ނުފެންނަނީސް އަވަހަށް ނުކުންނަން. ރެޑީވާން ކައިރިނުވަނީސް ބޭބެ ބުނެފަ އޮތީ މާޔާ މި ކޮޓަރިއަށް ނުގެންނަން." ރޫޔާ ބުންޏެވެ.

ބޯ ޖަހާލަމުން ރޫޔާއާއެކު މާޔާ ނުކުންނަން ހިނގައިގަތެވެ. އޭނާގެ ހިތަށް އިތުރަށް ދަތިވާން ފެށީ އެވެ. އިޒީކިއަލްއާ ކައިވެނި ކުރިއިރު ކަންތައް ހިނގައިދިޔަ ގޮތް މާޔާ ހިތަށް އަރަނީ އެވެ. އޭނާ ނުހަނު ފޮނި އުންމީދު ކުރި އެވެ. ކައިވެނީގައި ލާނޭ ހެދުމާއި ވަލީމާ ބާއްވާނޭ ގޮތާއި އަބަދަށް ފެންނާން ހުންނާނޭ ހަނދާނެއްގެ ގޮތުގައި ދެމަފިރިންގެ ފޮޓޯތައް ނަގާނޭ ގޮތަށްދަންދެން މިޔާގެ ޚިޔާލުގައި އޭރުވި އެވެ. އެހެންނަމަވެސް އެއިން އެއްވެސް ހުވަފެނެއްގައި ކުލައެއް ނުޖެހުނެވެ. މިއަދު އޭނާއަށް ކައިވެންޏަކަށް ތައްޔާރުވެވޭ ކަމުގެ އިޙްސާސް އެބަކުރެވެ އެވެ. އެކަމުގެ ޚާއްޞަކަން ވެސް ފެންނަމުން އެބަދެ އެވެ. މާޔާ އެއިން އެއްވެސް ކަމެއްގައި ރާހިންއާއި އެ ޢާއިލާއާ ޚިޔާލެއް ޚިއްޞަ ނުކުރި ނަމަވެސް އެ މީހުން ތައްޔާރުވަމުން އެދަނީ ނުހަނު ފުރިހަމައަށެވެ.

* * * * *

"ދެން ތިހެން ނީނދޭ. ގަޑި ކައިރިވަނީ... ދަރިފުޅާއެކު ބައްޕަ އަބަދުވެސް ހުންނާނަން. އެކަން އެނގެއެއްނު. މަންމައަކީ އަމިއްލަ ޚިޔާލުތަކެއްގެ މީހަކަށްވިޔަސް ދަރިފުޅު ބޭނުންވާ ކޮންމެ ގޮތަކާ މަންމަ ވެސް ރުހޭނެކަން މިހާރު ރާހިންއަށް އެނގޭނެ." ޒަހީން މަޑުމަޑުން ރާހިންގެ ގޮނޑިގައި ފިރުމާލި އެވެ.

ހިމޭންކަމާއެކު ރާހިން ތެދުވި އެވެ. ޒަހީންގެ އޮފީހުން ދެބަފައިން އެކުގައި ނުކުންނަން ހިނގައިގަތެވެ.

"ހާދަ ލަސްވީ." ގެއަށް ވަން ޒަހީނާއި ރާހިން ފެނުމާއެކު ބޮޑުކޮޓަރިން ހުރަސްކޮށް ސިޑިއާ ދިމާއަށް އައި ހުމައިރާ މަޑުޖެހިލުމާއެކު ބުންޏެވެ.

"އާން. ކަމެއް ޖެހުނީ... ރާހިން. ދޭ އަވަހަށް ތައްޔާރުވެލަން. ކޮބާ އެކުދީން." ޒާހިން ވާހަކަދެއްކި އެވެ.

"ރޫޔާއާއެކީ. ރާހިން ލަސްވެގެން އެމީހުން ތައްޔާރުވާން ފަށައިފި." ހުމައިރާ ބުންޏެވެ.

"ކިހިނެއްވީ؟." ރާހިން ދިއުމުން ޒަހީންގެ ކަނާއަތުގެ މުލައްދަނޑީގައި ހިފަހައްޓާލަމުން ހުމައިރާ ސުވާލު ކުރި އެވެ.

"އިހަށް ހިނގާ." ޒާހިން މަޑުމަޑުން ބުންޏެވެ. ހުމައިރާގެ މޫނުމަތިން ހާސްކަން ފާޅުވެލި އެވެ. އެހެންނަމަވެސް އޭނާ ޒަހީނާއެކު އެމީހުންގެ ކޮޓަރިއަށް ދިއުމަށް ސިޑިން އަރަންފެށި އެވެ.

ގޭގެ ބިއްދޮށުގައި ވަނީ ތަފާތު ވެޔޮގަނޑުތަކާއި މާމެލާމެލިން ޒީނަތްތެރި ކުރެވިފަ އެވެ. އަށް މީހުންނަށް އިށީނދެވޭނެހާ ޖާގަ ހުރި ދިގު މޭޒު ވެސް ވަނީ ޚާއްޞަ ޙަފުލާއަކަށް ތައްޔާރުކުރާ ފަދައިން ތައްޔާރު ކުރެވިފަ އެވެ. ތަފާތަކީ އަށް ގޮނޑީގެ ބަދަލުގައި މޭޒު ކައިރީ ހުރީ ހަ ގޮނޑި ބަހައްޓާފަ އެވެ. ހަވީރުގެ އެންމެ ވަގުތެވެ. އުޑުމަތީން ފާޅުވާ ރީތިކުލަތަކުން މާޙައުލު އިތުރަށް ފުރިހަމަކޮށްދެމުން ދިޔަ އެވެ.

ހުމައިރާއާއި ރޫޔާއާއެކު މާޔާ މަޑު ހިނގުމުގައި ގޭގެ ބިއްދޮށު ދޮރުން ނުކުތެވެ. އޭރު ޒަހީންއާއެކު ރާހިން ހުރީ ބޭރުގަ އެވެ. މޭޒު ކައިރީ ހުރި ރާހިންގެ ނަޒަރު ވަގުތުން މާޔާއަށް ހުއްޓުނެވެ. އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވި އެވެ. މާޔާ ހެދުމުގައި ފެންނަލެއް ޗާލުކަން ފެނުމާއެކު އެއީ ޚުދު ރާހިންގެ ހޮވުމެއްކަން އެނގޭތީ އެވެ. ނަމަވެސް އެ ހިނިތުންވުން ނިކަން އަވަހަށް ފިލައިފި އެވެ. ރާހިން އިސްޖަހާލި އެވެ.

ޢާއިލާގެ ހުރިހާ މެންބަރުން މޭޒުދޮށުގައި އިށީނެވެ. މޭޒުމަތީގައި ލެޕްޓޮޕެއް ހުޅުވާފައި ހުއްޓެވެ. އެތަނުގައި ކަންކަން ހިނގާ ގޮތް ވީޑިއޯ ކުރުމަށް ކެމެރާއެއް ސްޓޭންޑެއްގައި ބަހައްޓާފައި ހުއްޓެވެ. ފުރަތަމަ ވާހަކަދައްކަން ފެށީ ޒަހީނެވެ. އެ ޢާއިލާއަށް މާޔާއަށް މަރުޙަބާ ކިޔެވެ. ރާހިންގެ ހޮވުމާމެދު ޒަހީން ވަރަށް އުފާވާކަމާއި މިހާރުން ފެށިގެން މާޔާ ވެސް ޤަބޫލުކުރަންވީ އެ ޢާއިލާގެ މެންބަރަކަށް އޭނާއަށް ވެވިއްޖެކަމެވެ. ރަންކިޔުމުގެ ކަންކަން ކުރިޔަށްދާނޭ ގޮތް ހުމައިރާ ކިޔާލަދިނެވެ. ކައިވެނީގެ ފޯމް ފުރަންފެށީ ހުޅުވާފައިވާ ލެޕްޓޮޕުން އޮންލައިންކޮށެވެ. މާޔާއާ ބެހޭ މަޢުލޫމާތާއި ރާހިންގެ މަޢުލޫމާތުތައް ފޯމުގައި ފުރިހަމަ ކުރުމަށްފަހު ކައިވެނީގެ ރަނެއް ކިޔުމަށް ރާހިން އެދުނެވެ. މާޔާ ރަނެއްކީ ދިވެހި ރުފިޔާއިންނެވެ. އާދަޔާ ޚިލާފަށް އުފާފާޅުކުރި މީހަކަށްވީ ރޫޔާ އެވެ. އޭނާއަށް ގޮނޑީގައި ވެސް ނީނދެވުނެވެ. މާޔާގެ ގައިގާ ބައްދާލުމާއެކު އޭނާގެ ދައްތައަކަށް މިހާރުއްސުރެ މާޔާ ވެއްޖެކަން ރޫޔާ އިޢުލާން ކުރި އެވެ. އަދި ބޭބެގެ ކައިރިޔަށް ގޮސް ބޭބެގެ ގައިގާ ބައްދާލުމާއެކު ތަހުނިޔާ ކިޔެވެ. ހުމައިރާ ވެސް ހިނިތުންވުމަކާއެކު މާޔާ ގާތްކޮށްލައި ކޮނޑުގައި ފިރުމާލި އެވެ. ނަމަވެސް ރާހިން ފެންނަނީ ތަފާތުކޮށެވެ. އޭނާ ކަޅިވެސް ޖަހާނުލައި މާޔާއަށް ބަލަނީ އެވެ. މާޔާއަށް ހައިރާންކަމެއް ލިބިފައިވަނީ ރާހިން ފުށުން އުންމީދުކުރި އުފާވެރިކަން ފާޅުނުވާތީ އެވެ.

ރާހިންގެ ޢާއިލާއާ ވަކިވެ މާޔާ ގޮވައިގެން އެނބުރި އެޕާޓްމެންޓަށް އައީ ރޭގަނޑު ނުވައެއް ޖަހަން ކައިރިވެފައި ވަނިކޮށެވެ. އެއްވެސް އެއްޗެއް ރާހިން ނުބުނެ އެޕާޓްމެންޓަށް ވަންގޮތަށް އޭނާ ދިޔައީ ކޮޓަރިއަށެވެ. އޭނާގެ ހަރަކާތްތަކާމެދު ސުވާލުގެ ނަޒަރުން މާޔާއަށް ބަލާލެވުނެވެ. އިރުކޮޅަކު މަޑުކޮށްލާފައި މާޔާ ވެސް އައިސް ކޮޓަރިއަށް ވަނީ އެވެ. ފާޚާނާއަށް ވަދެ ތާޒާވެލައި ހެދުން ބަދަލުކޮށްލައިގެން މާޔާ ކޮޓަރިން ނުކުތީ ރާހިންއާ ވާހަކަދައްކަން ގަސްދުކޮށްގެން ހުރެ އެވެ.

ސޯފާގައި އިން ރާހިން ފެނުމުން މާޔާ އައިސް އޭނާގެ ކައިރީ އިށީނެވެ. ރާހިން ބަލާނުލިތާ ވާހަކައެއް ވެސް ނުދެއްކި އެވެ.

"ރާހިން. މިއަދު ހާދަ ތަފާތުކޮށޭ ފެންނަނީ. ކަމެއްވީތަ؟." މާޔާ ބުންޏެވެ.

"އަހަރެން ސުވާލެއް ކުރަންތަ؟." ރާހިން ބުންޏެވެ. އޭނާ މާޔާއަށް ބަލާލީ ވެސް ދެނެވެ. މާޔާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީ އެވެ.

"އަހަރެންނަށް ހައިކް ހޯދާ ނުދެވިއްޖެނަމަ ކިހިނެއް ހަދާނީ؟. މާޔާ އަހަރެންގެ އަނތްބެއްގެ ގޮތުގައި ދެން ވެސް އިންނާނަންތަ؟." ފުންނޭވާއެއް ދޫކޮށްލާފައި ރާހިން އަހާލި އެވެ.

(ނުނިމޭ)