ރައްޔިތުންގެ މަޖިލިސް

މުރައިދޫގޭގައި އުޅޭ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގެކޮޅު، މުރައިދޫގޭގައި މަސައްކަތްކުރާ މުވައްޒަފުންގެ މައުލޫމާތު ހާމަނުކުރުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ -- 241 ކޮމިޓީން މިއަދު ހެނދުނު ނިންމި ނިންމުން ބަދަލުކޮށް، މުރައިދޫގޭގައި މަސައްކަތް ކުރާ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން 241 ކޮމިޓީން ނިންމައިފި އެވެ.

ހެނދުނު ބޭއްވި ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މުރައިދޫ ގޭގައި މަސައްކަތް ކުރާ މުވައްޒަފުންގެ މައުލޫމާތު ސިއްރުކުރަން ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހެވެ. މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ތާއީދު ކުރެއްވި މިހުށަހެޅުން ފާސްވީ ކޮމިޓީގެ އަޣުލަބިއްޔަތުންނެވެ.

ހެނދުނުގެ ދަންފަޅީގައި 241 ކޮމިޓީން މައުލޫމާތު ހާމަނުކުރަން ނިންމީ މަޖިލީހުގެ ރައީސް ދިރިއުޅުއްވާ ގެކޮޅުގެ މުވައްޒަފުންގެ އަދަދާއި ނަމާއި ވަނަވަރު ހާމަކޮށްފިނަމަ މަޖިލީހުގެ ރައީސަށް ނުރައްކާވެދާނެ ފަދަ ކަމެއް އޮތް ކަމަށް ފެންނާތީ ކަމަށް ބުނެ އެވެ.

ކޮމިޓީގެ މި ނިންމުމާ އެކު އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން މިއަދު ހަވީރު ވަނީ އަލުން 241 ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފަ އެވެ. އަވަސްއަށް އެނގިފައިވާ ގޮތުގައި މިބައްދަލުވުން ބޭއްވީ މުރައިދޫގޭގައި މަސައްކަތް ކުރާ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕީއެންސީގެ މެންބަރުންނަށް އެންގެވުމާ ގުޅިގެންނެވެ.

ހަވީރު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މުރައިދޫގޭގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އެ މުވައްޒަފުންގެ މުސާރައިގެ ތަފްސީލް ހޯދުމަށް މިދިޔަ ޖުލައި މަހު ނޫހަކުން ހުށަހަޅާފައިވާތީ އެ މައުލޫމާތު ހާމަކުރަން ފާސްކޮށްފަ އެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިދިޔަ ޖުލައި މަހު މުރައިދޫގެއަށް ބަދަލުވެވަޑައިގަތުމަށްފަހު ވަނީ އިތުރު މުވައްޒަފުން ހޯދާފަ އެވެ. ނަމަވެސް މުވައްޒަފުންގެ ޖުމްލަ އަދަދެއް ނުވަތަ މުސާރައެއް ހާމަކޮށްފައެއް ނުވެ އެވެ.

މުރައިދޫގޭގައި އެންމެ އިސް މަގާމުގައި ހުންނަވަނީ މަޝްހޫރު ނޫސްވެރިޔާ މުންޑޫ އާދަމް ހަލީމެވެ. އެއީ ޗީފް އޮފް ސްޓާފްގެ މަގާމެވެ. ދާދި ފަހުން ގެކޮޅުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ވެސް ވަނީ އައްޔަންކުރައްވާފަ އެވެ.

މަޖިލީހުގެ ރައީސުން ދިރިއުޅެއްވުމަށް ގެކޮޅެއް ހާއްސަކުރީ 2021 ވަނަ އަހަރު އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރައީސްގެ ގޮތުގައި ހުންނަވަނިކޮށް ބޮމުގެ ހަމަލާއެއްދީ ޒަހަމްކޮށްލުމާ ގުޅިގެން ގެނައި ބަދަލެކެވެ.