ހަބަރު

މީރުބަހުރު ބަނދަރުގައި ހުރި ދުވަސްވީ މުދާ ނީލަން ކިޔަނީ

މީރުބަހުރު ބަނދަރު ސަރަހައްދުގައި ބަހައްޓާފައި ހުންނަތާ ގިނަ ދުވަސްވީ ބައެއް މުދާ ނީލަމުގައި ވިއްކާލަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ނިންމައިފި އެވެ.

ޕޯޓްސް އިން ނެރުނު އިއުލާނެއްގައި ބުނީ، މީރު ބަހުރު ބަނދަރުގައި ބަހައްޓާފައި ހުންނަތާ ދުވަސްވީ މުދާތައް މިމަހުގެ 26 ވަނަ ދުވަހު ދައްކާލުން އެ އޮފީހުގައި ހެނދުނު 9:30 އިން 11:30 އަށް އޮންނާނެ ކަމަށެވެ. ނީލަމުގައި ބައިވެރިވާން ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވައިލާނީ މި ހިނގާ މާޗް މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 2:00 އަށް ކަމަށެވެ. ނީލަން ކިޔުން ވެސް އެ ދުވަހު މެންދުރު ފަހު ފަށަން ހަމަޖެހިފައިވާއިރު، ނަން ނޯޓުކުރާނީ އެ ކުންފުނީގެ ކާގޯ ކްލިއަރެންސް ޑިޕާޓްމެންޓްގައި ކަމަށް ޕޯޓްސް ލިމިޓެޑުން ބުންޏެވެ.

ޕޯޓްސް އިން ބުނީ ކަސްޓަމްސް ކްލިއަރެންސް ހަމަޖެއްސުމާއި ކަސްޓަމްސް ޑިއުޓީ ދައްކާނީ މުދާ ނީލަމުން ނެގި ފަރާތަކުން ކަމަށެވެ. އަދި މުދާ ކްލިއާކުރަން ބޭނުންވާ ވަސީލަތްތައް ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އެ ކުންފުނިން ފޯރުކޮށްދޭނެ ކަމަށެވެ.

ނީލަން ނިމޭ އެންމެ މަތީ އަގެއްގެ ގޮތުގައި އެ ކުންފުނިން ކަނޑައަޅާފައިވަނީ 10،001ރ. އެވެ. ވިއްކާ މުދަލުން ޖީއެސްޓީގެ ގޮތުގައި ހަ ޕަސެންޓް ނަގާނެ އެވެ. ޕޯޓްސް އިން ބުނީ، ނީލަން ނިމޭ ދުވަހާ ޖެހިގެން އަންނަ ދުވަހު ނީލަމުން މުދާ ނެގި ފަރާތުން "އޮކްޝަން ކާގޯ ޑެލިވަރީ އޯޑަރ" އާ ހަވާލުވާންވާނެ ކަމަށެވެ. އަދި މުދާ ދޫކުރާނީ އެ ކުންފުންޏަށާއި ކަސްޓަމްސް އަށް ފައިސާ ދެއްކުމަށްފަހު ޑެލިވަރީ އޯޑާ ހުށަހެޅުމުން ކަމަށާއި، ޑެލިވަރީ އޯޑާ ދޫކުރާތާ ދިހަ ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ ނީލަން ބާތިލު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެއްވެސް މުދަލަކަށް ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ދައްކާ ފައިސާ ރިފަންޑް ނުކުރެވޭނެ ކަމަށް ވެސް ޕޯޓްސް އިން ވަނީ ބުނެފަ އެވެ.