މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް

މަސްދޯނިތަކުގައި ލޮނުފެނުން ފިނިކުރާ ނިޒާމު ހަރުކުރުމަށް މަސައްކަތް ފަށަނީ

މަސްދޯނިފަހަރުގައި ލޮނުފެން ފިނިކުރާ ނިޒާމު ހަރުކުރުމަށް ފިޝަރީޒް މިނިސްޓްރީން މިހާރު އާ މަސައްކަތްތަކެއް ފަށައިފި އެވެ.

މިގޮތުން މި ހަފްތާގައި ފަސް ރަށެއްގައި އެ މިނިސްޓްރީގެ ޓީމުތަކުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވެ އެވެ.

ފިޝަރީޒް މިނިސްޓްރީން މި މަޝްރޫއު ކުރިއަށް ގެންދަނީ އެސްޑީއެފްސީ ބޭންކާ ގުޅިގެންނެވެ.

ޓީމުތަކުން މަސައްކަތް ކުރާނީ ތ. ހިރިލަންދޫ، ތ. ވޭމަންޑޫ، ޅ. ނައިފަރު، ށ. ކޮމަންޑޫ އަދި ހއ. އިހަވަންދޫގަ އެވެ.

އެސްޑީއެފްސީގެ ޓީމުތައް މަސައްކަތް ކުރާނީ މީގެ ތެރެއިން ތިން ރަށެއްގައެވެ. އެއީ ތ. ހިރިލަންދޫ، ތ. ވޭމަންޑޫ އަދި ޅ. ނައިފަރުގަ އެވެ.

މި މަޝްރޫޢުގެ މައިގަނޑު މަގުސަދަކީ މަސްވެރިންނާއި ކައުންސިލްތަކަށް މައުލޫމާތު ދިނުމާއި ފެސިލިޓީއަށް ހުށަހެޅުމަށް ބޭނުންވާ އޮޑިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އާރްއެސްޑަބްލިއު ސިސްޓަމް ނުވަތަ ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ހަރުކުރުމަށް ސަރުކާރުން 100 ދޯންޏަކަށް ލޯނު ދޫކުރުމަށް ވަނީ ނިންމާފަ އެވެ.

މިނިސްޓްރީގެ ފަރާތުން ބުނެފައިވާ ގޮތުގައި މި މަޝްރޫއު އިތުރަށް ހަރުދަނާ ކުރުމަށް މަސްވެރިންނާއި އޮޑިވެރިންނާއެކު މަޝްވަރާތައްވެސް ކުރިއަށް ގެންދާނެ އެވެ.