ސްޓެލްކޯ

ސްޓެލްކޯ އިން ޕީކް ސީޒަނަށް ތައްޔާރުވަނީ

އަންނަ އަހަރުގެ ހޫނުގަދަ ދުވަސްތަކަށް ނުވަތަ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާލެ ސަރަހައްދުގެ ކަރަންޓް ވިއުގަ އަޕްގްްރޭޑް ކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ފަށައިފި އެވެ.

ސްޓެލްކޯ އިން ސޯޝަލްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަށްޓަކައި މާލޭގައި މަތިވަމުންދާ ޑިމާންޑާއި އެއްވަރަށް ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މަޖީދީމަގާއި ސޯސަންމަގު ގުޅޭ ކަންމަތީގައި ގާއިމުކޮށްފައިވާ ސަބްސްޓޭޝަންގެ ކެޕޭސިޓީ އިތުުރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް ބުންޏެވެ.

ސްޓެލްކޯ އިން ބުނީ އެތަނުގައި ބަހައްޓާފައި ހުރި 630 ކޭވީއޭގެ ޓްރާންސްފޯމަރެއް އެތަނުން ނަގައި، 1،500 ކޭވީއޭގެ ޓްރާންސްފޯމަރެއް އެތަނުގައި މިހާރު ބަހައްޓާފައިވާ ކަމަށެވެ.

"މީގެ އިތުރުންވެސް މާލޭގެ ކަރަންޓުގެ ޑިމާންޑާއި އެއްވަރަށް ކޭޓަ ކުރުމަށް، ޑިސްޓްރިބިއުޝަން ވިއުގައިގެ ކެޕޭސިޓިީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް މިއަހަރުގެ ތެރޭ ކުރުމަށް ވަނީ ހަމަޖެހިފައި،" ސްޓެލްކޯ އިން ބުންޏެވެ.


ސްޓެލްކޯ އިން ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމަށް މަސައްކަތް ކުރާއިރު އެ ކުންފުނިން ވަނީ ގުޅީފަޅުގައި 150 މެގަވޮޓްގެ ޑުއަލް ފިއުލް އިންޖީނުގެއެއް ގާއިމުކުރުމާއެކު މާލެ، ވިލިމާލެ، ގުޅިފަޅު، އަދި ތިލަފުށި ގުޅުވައިދޭ ހައި ކެޕޭސިޓީ ޓްރާންސްމިޝަން ލައިނެއް ގާއިމުކުރުމުގެ ދިރާސާތައް ކުރުމަށާއި އެކަމާ ގުޅޭ އަމަލީ މަސައްކަތްތައް ފެށުމަށް ޗައިނާގެ ޓީބީއީއޭ ގްރޫޕް ކޯ ލިމިޓެޑާއެކު މިމަހުގެ 16 ވަނަ ދުވަހު އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.