ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއާ ކުރިން ގާތް ގުޅުމެއް އޮތް ފަތުއްލާ ގުލެން އުމުރުން 83 އަހަރުގައި މަރުވެއްޖެ އެވެ.
އޭނާ މަރުދުވަހާ ޖެހެންދެން ހުރީ އެމެރިކާގައި އަމިއްލައަށް އަރުވާލެވިގެންނެވެ. އެއީ އުރުދުޣާއަށް ފާޑުކިޔައި ހިނގައިދިޔަ ހާދިސާތަކުގައި ތުރުކީ ދޫކޮށް ދިއުން އެންމެ ރަނގަޅު ގޮތް ކަމަށް ފެނިގެންނެވެ.
އުރުދުޣާން ވެރިކަމަށް ވަޑައިގަތުމާ ގުޅިގެން ސިޔާސީ ވާދަވެރިއެއްގެ ގޮތުގައިވެސް ގުލެން ހަރަކާތްތެރިވި އެވެ. އަދި ސަރުކާރު ސިޔާސަތަށް ފާޑުކިޔައި -- ޝުއޫރު ފާޅުކުމުގެ ބޭނުމުގައި މަގުތަކަށް ނުކުންނަ އާންމުންނަށް ހިތްވަރުދިނެވެ.
އަންކާރާ އިން ދެކޭ ގޮތުގައި އުރުދުޣާން ވެރިކަމުން ވައްޓާލުމަށް ބާޣީ ހަނގުރާމަވެރިންތަކެއް ޖަމާކޮށް 2016 ވަނަ އަހަރު ތުރުކީ އަސްކަރިއްޔާގެ ޖެނެރަލުންތަކަކަށް ބުއްދިލައިދީގެން ގުލެން ވަނީ ބަޣާވާތްކުރަން މަސައްކަތްކޮށްފަ އެވެ.
ގުލެން މަރުވިކަން ތުރުކީ އިން އަދި ކަށަވަރުކޮށެއް ނުދެ އެވެ. ހާރިޖީ ވަޒީރު ހަކާން ފިދާން ވިދާޅުވީ އިންޓެލިޖެންސް ޓީމްތައް މެދުވެރިކޮށް ގުލެންގެ މަރު ކަށަވަރުކުރުމަށް މަަސްކަތްކުރާނެ ކަމަށެވެ.
ތުރުކީގެ ވެރިކަން ހޯދުމަށް ގުލެން ވަނީ އޭނާގެ އަމިއްލަ ސިޔާސީ ހަރަކާތެއް ހިޒުމެޓް ނަމުގައި އުފައްދާފަ އެވެ. ނަމަވަސް ތުރުކީން ދެކެނީ އެއީ ޓެރަރިސްޓް ޖަމާއަތެއް ކަމަށެެވެ.
ތުރުކީން ފިލުމަށް އޭނާ ދެއްކި ބަހަނާ އަކީ ބޭސްފަރުވާ ކުރުމެވެ. މި ގޮތުން އެމެރިކާއަށް ދިއުމަށްފަހު ދިރިއުޅުން މުޅިން ބަދަލުކުރީ އެވެ.
ތުރުކީގެ ހަބަރުތައް ބުނާ ގޮތުން ގުލެން ވަނީ މަރުދުވަހަށް ދާންދެން އަންކާރާއަށް ގޯނާކޮށްފަ އެވެ. މިގޮތުން ސަރުކާރު ވައްްޓާލުމަށް އެކި ދިމަދިމާގައި ހަރަކާތްތައް އުފައްދައި އުރުދުޣާންއަށް ވަނީ ޕްރެޝަރު ކޮށްފަ އެވެ.
ގުލެން މަރުވީ ވަރަށް ބޮޑަށް ބަލިވެ ގިނަ ދުވަސްތަކަކު ހޮސްޕިޓަލްގައި އޮތުމަށްފަހު ކަމަށް ހަބަރުތައް ބުނެ އެވެ. އޭނާގެ ސިއްހީ ހާލަތާ ބެހޭ މާގިނަ ހަބަރުތަކެއް އާންމު ހަބަަރަށް އަދި ލިބިފައެއް ނުވެ އެވެ.
ތުރުކީއަށް އަސްކަރީ ބަޣާޥާތެއް ގެންނަ އުޅުނު ކަމުގެ ކުށުގައި ގުލެންއަށް ޝަރީއަތްކުރުމަށް -- އޭނާ ތުރުކީއަށް ފޮނުވައިދިނުމަށް އެމެރިކާގެ ކިބައިން އުރުދުޣާންގެ ސަރުކާރުން ތަކުރާރުކޮށް ވަނީ އެދިފަ އެވެ. ނަމަވެސް އެމެރިކާގެ އެއްވެސް ސަރުކާރަކުން މިކަމުގައި ތުރުކީއަށް އެއްބާރުލުމެއް ނުދިނެވެ.