އަމިއްލަ މުވައްޒަފުން ދިފާއުކުރަން ކަމެއް ކުރެވޭހާ ހިތްވަރު އދ އަށް ލިބިފައި ނެތްއިރު އެހެން ބައެއްގެ ހިމާޔަތުގައި ކަމެއް ކުރެވޭނީ ކިހިނެއްތޯ ތުރުކީގެ ރައިސް ރަޖަބް ތައްޔިބު އުރުދުޣާން ސުވާލުކުރައްވައިފި އެވެ.
ލުބްނާންގައި ތިބި އދގެ ސުލްހަ ބަހަލައްޓާ ފައުޖުތަކަށް އިޒުރޭލުން ހަމަލާދީ އެ މީހުންގެ މަރުކަޒުތަށް ޓޭންކަރުތައް ވަދެންދާއިރު އދއަށް ޖެހިފައި ވަނީ ކުޅިބަލަން ކަމަށްވެސް އުރުދުޣާން ވިދާޅުވި އެވެ.
ދުނިޔެ ބެލެހެއްޓުމުގެ ޒިންމާ އޮތް ބިޔަ ޖަމާއަތަށް މިއީ ކިހާ ހިތާމަވެރި ކަމެއްތޯ ވެސް ތުރުކީގެ ރައީސް ސުވާލުކުރެއްވި އެވެ.
ތުރުކީގެ ވެރިރަށް އަންކާރާގައި އޮތް ގްލޯބަލް ޑިޕްލޮމަސީ އެންޑް ފިއުޗާ އޮފް ޕަލަސްޓައިން ކޮންފަރެންސްގައި ވާހަކަދައްކަވަމުން އުރުދުޣާން ވިދާޅުވީ އިޒުރޭލުގެ ވަކިތަކުން މުޅި ދުނިޔހެ ވީދަމުން ދާއިރު ސަލާމަތީ މަޖިލީސް އޮތީ ބާރުކެނޑިފައި ކަމަށެވެ.
އިޒުރޭލު ސިފައިން އެއްގަމު މަގުން ޣައްޒާއަށް އަރައިގަނެ 42،2000 އަށް ވުރެ ގިނަ މީހުން މެރިއިރުވެސް އދ އޮތީ ހޯހޯ ގޮވަން ކަމަށާއި ޒަޔަނިސްޓުންގެ ޖަރީމާތައް ހުއްޓުވަށް ސަލާމަތީ މަޖިލީހަށް ކުރެވުނު ކަމެއް ހަރާމް ކަމަށް އުރުދުޣާން ވިދާޅުވި އެވެ.
ޒަޔަނިސްޓުންގެ އަމަލުތައް މިހާރު ދާ ގޮތުން ގޮސް ނިމޭނީ ކޮން ތަނަކަށްކަން އެނގިވަޑައިގަންނަވާ ކަމަށް އުރުދުޣާން ވިދާޅުވި އެވެ.
ލުބްނާންގައި ތިބި އދގެ އޮފިސަރުންނަށް ހަމަލާދޭން ކެރޭނީ ވަރަށް ބޮޑު އިތުބާރެއް އޮތުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔަހޫދީންނަށް ކަމެއް ކުރެވޭ ވަރުގެ ބަޔަކު ނެތްކަން އެ މީހުން ދަންނަ ކަމަށް ވެސް ތުރުކީގެ ރައީސް ވިދާޅުވި އެވެ. މި ޔަގީން ކަމަކީ އެމެރިކާ އަޑީގައި އޮވެގެން ޒަޔަނިސްޓުންނަށް ވިސްނައިދީފައި އޮތް ވިސްނުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިޒުރޭލުގެ އަސްކަރިއްޔާއިން ލުބްނާނަށް އަރައިގަނެ ދެހާހެއްހާ މީހުން މަރައި އަދި ފަސްހާހެއްހާ މީހުން ޒަޚަމްކޮށްފި ކަމަށްވެސް އުރުދުޣާން ވިދާޅުވި އެވެ.
އަރަބި މުސްލިމުންގެ ބިންތަކުން މިހާ ގިނަ އަދަދަކަށް މީހުން މެރުވަށް ޒަޔަނިސްޓުންނަށް ހުއްދަދިން ބަޔަކު ޔަހޫދީންގެ އަނިޔާވެރި އަމަލުތައް ހުއްޓުވާކަށް ނުވޭތޯ ވެސް އުރުދުޣާން ސުވާލުކުރެއްވި އެވެ.