ދުނިޔެ

ނަތަންޔާހޫ އަކީ ހަނގުރާމައިގެ ކުށްވެރިއެއް: އުރުދުޣާން

ފަލަސްތީންގެ ބިންތައް ފޭރިގަނެ އަމިއްލައަށް ދައުލަތެއް ހަދައި ބޮޑުވަޒީރު ކަމަށް ވަޑައިގެން ހުންނެވި ޒަޔަނިސްޓު ބެންޖަމިން ނަތަންޔާހޫ އަކީ ހަނގުރާމައިގެ ކުށްވެރިއެއް ކަމަށާއި ބައިނަލްއަގްވާމީ ކޯޓުތަކުގައި އޭނާގެ މައްޗަށް ދައުވާ އުފުލައްވާނެ ކަމަށް ތުރުކީގެ ރައީސް، ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

އުރުދުޣާން ވިދާޅުވި ގޮތުގައި ނަތަންޔާހޫ އާއި އޭނާ އުފައްދަވާފައި އޮތް ސަރުކާރަކީ ފަލަސްތީން ތައްޔިތުންގެ ލެއިން ތަތްތެޅިފައި އޮތް ސަރުކާރެކެވެ.

ހަމާސް އަކީ ޓެރަރިސްޓް ގުރޫޕެއް ކަމަށް ބުނާއިރު ޓެރަރިސްޓުންނާއި ފޭރޭ މީހުން ތެރޭގައި އެންމެ ގިނައީ ޒަޔަނިސްޓުން ކަމަށް ވެސް އުރުދުޣާން ވިދާަޅުވި އެވެ.

އަމިއްލަ ބިމެއް ނެތް ބަޔަކު މުސްލިމުންގެ ބިންތައް ފޭރިގަތުމަށް ނުފޫޒުގަދަ ގައުމުތަކުން މަގު ތަަނަވަސްކޮށްދޭ ކަމަށާއި ހުޅަނގަށް ފޫޅުކެނޑި ހުރިހާ ވެރިންނަކީ ވެސް މުޖުރިމުން ކަމަށް އުރުދުޣާން ވިދާޅުވި އެވެ.

ޣައްޒާއަށް ހަމަލާދިނުމަށް ހަތިޔާރު ފޯރުކޮށްދިނުމާއި ހަތިޔާރު އުފުލަން އެހީތެރިވުން އަދި ޖަރީމާތައް ހިންގަން ޒަޔަނިސްޓުންނަށް އެހީތެރިވާ ކޮންމެ މީހަކީ ހަނގުރާމައިގެ ބައިވެރިއެއް ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.

އުރުދުޣާން ވިދާޅުވި ގޮތުގައި ހަމާސް އަކީ ނައްތާލެވޭނެ ފިކުރެއް ނޫނެވެ. ހަމާސްއޭ ކިޔާ ބަޔަކު ވުޖޫދުގައި ނެތްއިރު -- އެ ފަދަ ބައިގަނޑެއް އުފެއްދުމަށް ޒަޔަނިސްޓުން ބޭނުންވީ އެއިރު ފަލަސްތީންގެ ވެރިންގެ ގޮތުގައި ތިބި ބައެއްގެ ޒަމާން ދުއްވާލަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޣައްޒާ އަކީ ފަލަސްތީންގެ ބިމެއް ކަމަށާއި ޒަޔަނިސްޓުން ފޭރިގަނެ ގެދޮރުއަޅާފައި ހުރީ ވެސް ފަލަސްތީންގެ ބިންތަކުގައި ކަމަށް އުރުދުޣާން ވިދާޅުވި އެވެ.

ޒަޔަނިސްޓު ޔަހޫދީންނަކީ ގޮތެއް ނެތް އަދި އިންސާފެއް ދަންނަ ބައެއް ނޫން ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.

ހަމާސްގެ މައްޗަށް ކާމިޔާބު ހޯދޭނެ ނަމަ މިހާރު އޮންނާނީ ޒަޔަނިސްޓުން ބޭނުންވާ ގޮތަކަށް ކަންކުރެވިފައި ކަމަށާއި ޒަމާން ފެށުނީއްސުރެ ބަންދުކޮށްފައި އޮތް ބިމެއްގައި ހަމާސް ކަހަލަ ހަނގުރާމަވެރިންތަކެއް އުފެދުމަކީ ވެސް ޔަހޫދީންގެ ފޭލިވުމެއް ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.