މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

މީޑިއާ ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

މޯލްޑިވްސް މީޑިޔާ ކައުންސިލް (އެމްއެމްސީ)ގެ މެމްބަރު ކަމަށް ކުރިމަތިލުމަށް މިއަދު އަލުން ހުޅުވާލައިފި އެވެ.

ޔޫތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މީީޑިއާ ކައުންސިލުގެ 10 މެމްބަރުންގެ މުއްދަތު ހަމަވާތީ އެ ކައުންސިލަށް މެމްބަރުން އިންތިހާބު ކުރުމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު މިމަހުގެ 29ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެމްއެމްސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މީގެ ކުރިންވެސް އޮތީ ހުޅުވާލާފަ އެވެ.

އެ އިއުލާނުގެ މުއްދަތު މިދިޔަ މަހު 25 ގައި ހަމަވިއިރު އެ ފުރުސަތުގައި މިޑިއާތަކުން ހޮވާ ހަތް މެމްބަރުންގެ ޖާގައަށް އަށް މީހަކު ކުރިމަތިވެސް ލިއެވެ.

މިނިސްޓްރީން ބުނީ މެމްބަރު ކަމަށް ކުރިމަތިލާ ފޯމާއި ލިޔުންތައް މިހާތަނަށް ހުށަހަޅާފައިވާ ފަރާތްތަކުން އަލުން މެމްބަރު ކަމަށް އެދި ފޯމާއި ލިޔުންތައް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ. އަދި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ މުއްދަތުވެސް މިމަހުގެ 30 ވަނަ ދުވަހުގެ މެންދުރު 2:00ގެ ނިޔަލަށް ވަނީ އިތުރުކޮށްފަ އެވެ.

މީޑިއާ ކައުންސިލްގައި ޖުމްލަ 15 މެމްބަރުން ތިބޭއިރު ބައެއް މެންބަރުންގެ ދައުރު ހަމަނުވާތީ މިފަހަރު ހޮވަނީ 10 މެންބަރުންނެވެ. އެއީ މީޑިއާތަކުން ހަތްމެމްބަރުންނާއި އާއްމުންގެ ތެރެއިން ތިން މެމްބަރުންނެވެ.

މީޑިއާ ކައުންސިލް މެންބަރުންގެ ދައުރުގެ މުއްދަތަކީ ދެ އަހަރު ދުވަހެވެ.