ޑރ. މުހައްމަދު މުއިއްޒު

ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަކުރަނީ

ހަރަދު ކުޑަކުރުމުގެ ގޮތުން ސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ އިސްވެރިންގެ މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ހަރަދުތައް ކުޑަކުރުމަށް އަންނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން ރައީސް މުއިއްޒު ވަނީ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 ޕަސަންޓު އުނިކޮށް، ބޭންކުތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 ޕަސަންޓު އުނިކުރުމަށް ނިންމަވާފަ އެވެ.

މީގެ އިތުރުން ރައީސް ވަނީ ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުއްވާފަ އެވެ. މިވަގުތު ބައެއް ކުންފުނތަކުގެ މުސާރަ އޮނިގަނޑުގައިވާ ގޮތުން 100،000 އަށްވުރެ ބޮޑު މުސާރައެއް ލިބެއެވެ.

މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިންނާއި ޝަރުރީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން ވެސް 10 ޕަސަންޓު ކުޑަކުރުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސް މުއިއްޒު ވަނީ ހުށަހަޅާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 12،000 އަށްވުރެ ކުޑަ މުސާރައެއް ލިބޭ މުވައްޒަފުންގެ މުސާރައަކަށް ބަދަލެއް ނާންނާނެ ކަމަށެވެ. ރައީސް ވަނީ އެ މަނިކުފާނުގެ އަމިއްލަ މުސާރައިން ވެސް 50 ޕަސަންޓު ނުނަގާގޮތަށް ހަމަޖެއްސެވުމަށް އެދިވަޑައިގެންފަ އެވެ.

ކުރިއަށް އޮތް ދެ އަހަރަށް އަމުލުކުރާނީ މި ނިންމުންތަކުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.