މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް

އަންނަ އަހަރުގެ ބަޖެޓް މަސައްކަތަށް މުއިއްޒުގެ ފަރާތުން ކޮމިޓީއެއް

ކުރިއަށް އޮތް 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން މަސައްކަތް ކުރާނެ ކޮމިޓީއެއް އެކުލަވާލައިފި އެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް މިއަދު ވިދާޅުވި ގޮތުގައި އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ހަތް މެންބަރުންނެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު އެކުލަވާލުމުގެ މަސައްކަތަށް ބޭނުންވާ މައުލޫމާތު ހޯދުމަށް މިހާރު ފިނޭންސް މިނިސްޓްރީގައި އެދިފައިވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

"އެ މައުލޫމާތުތަކުގެ ތެރޭގައި އަޅުގަނޑުމެން އެދިފަ ވާނެ ދިވެހި ދައުލަތުގެ މިހާރުގެ ފިޒިކަލް ހާލަތާއި އަދި ހަމަ އެހެންމެ 2024 ވަނަ އަހަރަށް ލަފާކުރާ ހާލަތާ ގުޅޭ ތަފުސީލީ މައުލޫމާތުތައް ހޯދުމަށް،" ފިރުޒުލް ވިދާޅުވި އެވެ.

މީގެ އިތުރުން ބަޖެޓު އެކުލަވާލުމުގައި އިންތިހާބީ ރައީސަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދެއްވާފައިވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސް އަދި ހަމަ އެހެންމެ އެމްޑީޕީގެ ފަރާތުންވެސް ވިދާޅުވެފަވޭ ބަޖެޓު އެކުލަވާލުމުގައި އިންތިހާބީ ރައީސުލްޖުމްހޫރިއްޔާއަށް އަދި އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ ޓީމަށް އެއްބާރުލުން ދެއްވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

އިންތިހާބީ ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަން ފާހަގަކުރައްވާ ފިރުޒުލް ވިދާޅުވީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އިސްކަން ދޭނެ ކަންކަން ހާމަކުރަން މިވަގުތު ދަތި ކަމަށެވެ.