ރައްޔިތުންގެ މަޖިލިސް

ސިޔާސީ މުވައްޒަފުންގެ އަދަދު ހޯދަން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގެ ސިޔާސީ މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ ބޭފުޅުންގެ މައުލޫމާތު ހާމަކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެވެ.

މި ކުއްލި މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް 59 މެންބަރުން ވޯޓު ދެއްވިއިރު ކުއްލި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އަށް މެންބަރުންނެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން މީކާއީލް ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ސަރުކާރުގެ އެކިއެކި މުއައްސަސާތަކާއި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައެއް ފަރާތްތަކުގެ މުސާރަ ކުޑަކުރަން ނިންމާފައިވާކަން އިއުލާނުކޮށްފައިވާއިރު ރައީސް އައްޔަންކުރައްވާފައިވާ ސިޔާސީ މުވައްޒަފުންގެ އަދަދު މިއަދާ ހަމައަށްވެސް ހާމަކޮށްފައިނުވާ ކަމަށެވެ.

މީކާއީލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ސިޔާސީ މަގާމުތަކަށް ރައީސް އައްޔަންކުރައްވާފައިވާ ބޭފުޅުންގެ އަދަދާއި އެ ބޭފުޅުންގެ މަގާމުގެ މަސްއޫލިއްޔަތު ހާމަކުރުމަށް ގޮވާލާފަ އެވެ.