ރައްޔިތުންގެ މަޖިލިސް

ސަޕްލިމެންޓްރީ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް ފަޒާދު

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހަމަޖައްސައިފި އެވެ.

ސަޕްލިމެންޓްރީ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފަޒާދު މުގައްރިރަކަށް އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ނައިބް މުގައްރިރަކަށް ހަމަޖެއްސުމަށްވެސް ވަނީ ފާސްކޮށްފަ އެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ހުށަހެޅުއްވީ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެކެވެ.

ދައުލަތުގެ މި އަހަރުގެ ބަޖެޓުގެ ގޮތުގައި ފާސްކޮށްފައިވާ 49.5 ބިލިއަން ރުފިޔާގެ ބަޖެޓަށް ސަޕްލިމެންޓަރީ ބަޖެޓުގެ އަދަދު އިތުރުކުރުމުން މިއަހަރުގެ ޖުމްލަ ބަޖެޓް 55 ބިލިއަން ރުފިޔާއަށް އިތުރުވެ އެވެ.

މިއިތުރުވުމާ އެކު ބަޖެޓް ޑެފިސިޓްވާ އަދަދު 16.3 ބިލިއަން ރުފިޔާއިން 18.4 ބިލިއަން ރުފިޔާއަށް އިތުރުވާނެ އެވެ.

ސަޕްލިމެންޓްރީ ބަޖެޓާ އެކު މިއަހަރުގެ ބަޖެޓްގެ އާމްދަނީ 36.4 ބިލިއަން ރުފިޔާއަށް އަރާއިރު ރިކަރަންޓް ހަރަދު ހުންނަނީ 36.3 ބިލިއަން ރުފިޔާ ގައެވެ. ކެޕިޓަލް ހަރަދު 19 ބިލިއަން ރުފިޔާގައި ހުންނައިރު ބަޖެޓު ފައިނޭންސިން 19 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.