ބަޖެޓް 2025

އަންނަ އަހަރުގެ ބަޖެޓް ލަފާކުރާ ގޮތުގައި 64 ބިލިއަން

އަންނަ އަހަރުގެ ދައުލަތުގެ ބޭސްލައިން ބަޖެޓް 64 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކުރި ފިސްކަލް ސްޓްރެޓެޖީ ރިޕޯޓުގައި އަންނަ އަހަރު ދަައުލަތުގެ ބަޖެޓުގެ ގޮތުގައި 64 ބިލިއަން ރުފިޔާ ލަފާކޮށްފައިވެ އެވެ. އަންނަ އަހަރަށް ލަފާކޮށްފައިވާ ބޭސްލައިން ބަޖެޓް މާދަމާ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ހަމަޖެހިފައިވެ އެވެ.

ބަޖެޓުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދު ސަރުކާރަށް ބަދަލުކުރުމުގެ ބާރު ލިބިގެންވެ އެވެ.

ފިނޭންސް މިނިސްޓްރީން ލަފާކުރާ ގޮތުގައި އަންނަ އަހަރުގެ އޯވަރޯލް ޑެފިސިޓް ހުންނާނީ 5.4 ބިލިއަން ރުފިޔާ ގައެވެ. އަދި ސުކޫކާއި ބޮންޑު ވިއްކައިގެން ދައުލަތަށް ހޯދާ 4.6 ބިލިއަން ރުފިޔާއައި ބޭރު ލޯނުތަކުން ހޯދާ 3.2 ބިލިއަން ރުފިޔާ ހިމެނޭހެން އަންނަ އަހަރުގެ ބަޖެޓް ފައިނޭންސިންގެ ގޮތުގައި ދައުލަތަށް ޖުމްލަ 16 ބިލިއަން ރުފިޔާ ހޯދުމަށް ލަފާކޮށްފައިވެ އެވެ.

ފިސްކަލް ސްޓްރެޓެޖީ ރިޕޯޓުގައިވާ ގޮތުން ހަރަދުކުޑަ ކުރުމަށް ކުންފުނިތައް ރީފޯމުކުރުމަށާއި ޑައިރެކްޓް ސަބްސިޑީ ދިނުމަށާއި އޮފީސްތަކުގެ ހިިންގުމުގެ ހަރަދުތައް ކުޑަކުރުމަށް އިސްކަމެއް ދޭނެ އެވެ. ނަމަވެސް އެ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒު ނުކުރެވިއްޖެނަމަ އަންނަ އަހަރުގެ ޖުމްލަ ހަަރަދު 57 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.

މީގެއިތުރުން ރިކަރަންޓް ހަރަދު 42 ބިލިއަން ރުފިޔާއަށް އަދި ކެޕިޓަލް ހަރަދު 23 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.

ހަރަދުކުޑަ ކުރުމަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒު ކުރެއްވިއްޖެނަމަ ބަޖެޓް 55 ބިލިއަނަށް ކުޑަ ކުރެވޭނެ ކަމަށް ފިސްކަލް ސްޓްރެޓެޖީ ރިޕޯޓުގައި ބުނެ އެވެ. އެހެންނަމަވެސް މިހާތަނަށް ހަރަދު ކުޑަކުރުމަށް ކަނޑައަޅާފައިވާ ރިފޯމުތައް ތަންފީޒު ނުކުރެވުމުން 5.1 ބިލިއަން ރުފިޔާގެ ސަޕްލިމަންޓަރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ ފާސްކޮށްފަ އެވެ.