ބަޖެޓް 2025

އަންނަ އަހަރުގެ ބަޖެޓަކީ ގެދޮރުވެރިކަމުގެ ބަޖެޓެއް: ޒަމީރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ ރާއްޖޭގެ ތާރީހުގައި އެއް އަހަރު ދުވަހުގެ ތެރޭގައި ގެދޮރުވެރި ކަމަށް ހާއްސަކޮށްގެން ސަރުކާރަކުން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހުށަހަޅާފައިވާ ބަޖެޓު ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ދިވެހިންނަށް ދިމާވެފައިވާ އިޖުތިމާއި އެންމެ ބޮޑު އެއް މައްސަލައަކީ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ.

"ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަށް އެދެވޭ ހައްލެއް ހޯދައިދީ، ދިވެހި އާބާދީގެ ބޮޑު ބަޔަކީ ގެދޮރުވެރި ބަޔަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް ތަސައްވުރު،" މޫސާ ޒަމީރު ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ފަސް ޕަސެންޓް އިންޓްރެސްޓުގައި ގެދޮރުވެރިކަމުގެ ލޯނު ދޫކުރުމަށް އެއް ބިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.

މި ފައިސާ ބޭނުންކޮށްގެން ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މަދުވެގެން ދެ ބިލިއަން ރުފިޔާގެ ހައުސިން ލޯން ދެވޭނެމަގު ފަހިވާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެއިތުރުން 1.8 ބިލިއަން ރުފިޔާ ގެދޮރުވެރިކަމުގެ އާ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް ކަނޑައަޅާފައިވެ އެވެ.

"އެހެންކަމުން 2025 ވަނަ އަހަރަށް ފާސްކުރަން އަޅުގަނޑު ތިޔަ އިއްޒަތްތެރި މަޖިލީހަށް ހުށަހަޅާ މި ބަޖެޓަކީ ދިވެހިރާއްޖޭގެ ތާރީހުގައި އެއް އަހަރުދުވަހުގެ ތެރޭގައި ގެދޮރުވެރިކަމަށް ހާއްސަކޮށްގެން ސަރުކާރަކުން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހުށަހަޅާފައިވާ ބަޖެޓު،" މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓަކީ ހަގީގީ މާނައިގައިވެސް ގެދޮރުވެރިކަމުގެ ބަޖެޓެކެވެ.