އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑުގައި ހިފެހެއްޓުމަށް ބޭނުންވާ ފައިސާ ކޮންޓިންޖެންސީ ބަޖެޓުން ހަމަޖައްސަން ނިންމައިފި އެވެ.
މި ބަދަލު ގެންނަން ނިންމާ އެކަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ރައްޔިތުންގެ މަޖިލީހަށް އަންގަވާފަ އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓްގެ ގޮތުގައި ކަނޑައަޅާފައިވަނީ 1.4 ބިލިއަން ރުފިޔާ އެވެ.
ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ޒަމީރު ފޮނުއްވި ސިޓީގައި ވިދާޅުވީ ކައުންސިލްތަކަށް ދޫކުރާ ބްލޮކް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ މިންގަނޑުގައި ހިފެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.
"މި ބަދަލު ގެންނަން ބޭނުންވާނެ ކަމަށް ލަފާކުރާ 699.6 މިލިއަން ރުފިޔާ ބަޖެޓްގެ ޖުމްލަ އަދަދު އިތުރު ނުވާ ގޮތަށް ކޮންޓިންޖެންސީ ބަޖެޓުން ބަދަލުކުރާ ގޮތަށް ހަމަޖައްސަވާ ދެއްވުމަށް އެދި ދަންނަވަން،" މޫސާ ޒަމީރު، މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ސިޓީ ވަނީ ބަޖެޓް ދިރާސާކުރާ ކޮމިޓީއަށް ފޮނުވާފަ އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތކަަށް ދޫކުރާ ބްލޮކް ގްރާންޓް މަދުވުމުން ރާއްޖޭގެ ސިޓީތަކުގެ މޭޔަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.