ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭ ކޮންމެ 100 ރުފިޔާއަކުން 23 ރުފިޔާ ހޭދަކުރަންޖެހެނީ ދަރަނި އަނބުރާ ދެއްކުމަށް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ އިގުތިސާދު އިތުރަށް ފުޅާކުރުމާއި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މުހިންމު ހިދުމަތްތަކަށް ކުރަންޖެހިފައި ހުރި ހޭދަތަކުގެ ނަމުގައި ސަރުކާރުގެ ހަރަދު ފާއިތުވެދިޔަ އަހަރުތަކުގައި އިގުތިސާދާއި ދައުލަތުގެ އާމްދަނީއާ ނުބައްދަލު މިންވަރަށް އުފުލާފައިވާ ކަމަށެވެ.
މިނިސްޓަރު ޒަމީރު ވަނީ މީގެ ފަސް އަހަރު ކުރިން 28.2 ބިލިއަން ރުފިޔާގައި ހުރި ދައުލަތުގެ ބަޖެޓު 2023 ވަނަ އަހަރުގެ ނިޔަލަށް 50.9 ބިލިއަން ރުފިޔާއަށް އަރާފައިވާކަން ފާހަގަކުރައްވާފަ އެވެ.
"ޖީޑީޕީގެ ނިސްބަތުން 124 އިންސައްތައާ ހަމައަށް ދައުލަތުގެ ޖުމުލަ ދަރަނި ގެންގޮސްފައި. ނަތީޖާ އަކީ މިއަދު ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބޭ ކޮންމެ 100 ރުފިޔާއަކުން 23 ރުފިޔާ ދަރަނި އަނބުރާ ދެއްކުމަށާއި އިންޓަރެސްޓަށް ހޭދަކުރަންޖެހުން،" މޫސާ ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ފައިނޭންސް ކުރާނެ ގޮތުގެ ޕްލޭނެއް ނެތި ދައުލަތުގެ ހަރަދު އުފުލަމުން ދިއުމުގެ ސަބަބުން ސަރުކާރަށް ހިދުމަތް ފޯރުކޮށްދޭ ކޮންޓްރެކްޓަރުންނާއި ވެންޑަރުންގެ ބިލްތަކަށް ފައިސާ ނުދެއްކި ބިލްތައް ފުނިޖެހިފައިވާ ކަމަށެވެ.