ހަބަރު

ބްރިޖުގެ ތަނބުތަކުގެ ފައުންޑޭޝަން އަޅަން ފަށައިފި

މޯލްޑިވްސް-ޗައިނާ ފްރެންޑްޝިޕް ބްރިޖުގެ ތަނބުތަކުގެ ފައުންޑޭޝަން މަސައްކަތް ފަށައިފި އެވެ.

ހައުސިން މިނިސްޓްރީ އިން ބުނީ މާލެއާއި ހުޅުލެ ދެމެދު އަޅައި ބްރިޖުގެ ތަނބުތަކުގެ ފައުންޑޭޝަން ޕްލެޓްފޯމްގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެ މަަސައްކަތަށް ފަސް ޕްލެޓް ފޯމު ހަދާނެ ކަމަށެވެ. އަދި ޕްލެޓް ފޯމްތަކުގައި ތިން މީޓަރަށް ވުރެ ފުޅާ ހޮޅިތައް ވަރަށް އަވަހަށް ކަނޑު އަޑިއަށް ޖަހަން ފަށާނެ ކަމަށާއި ދެން ކުރާނީ ކޮންކްރީޓް ސެކްޝަންތައް އެޅުމުގެ މަސައްކަތް ކަމަށް ހައުސިން މިނިސްޓްރީ އިން މައުލޫމާތުދެއެވެ.

ހައުސިން މިނިސްޓްރު ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައި ވަނީ ބްރިޖުގެ ބްރިޖްގެ ފައުންޑޭޝަނުގެ މަސައްކަތަކީ ދުނިޔޭގެ ފެންވަރުގައި ވެސް ބޮޑު މަސައްކަތެއް ކަމަށާއި އަންނަ މަހު ތެރޭގައި ބްރިޖުގެ މަތީ ތަނބުތައް ޖަހާ ނިމޭނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހުގެ ކުރިން ކަނޑުގައި ކުރަން ޖެހޭ ހުރިހާ މަސައްކަތްތައް ވެސް ނިންމާލެވޭނެ ކަމަށެވެ.

ރާއްޖެއާ ޗައިނާގެ އެކުވެރިކަން ދައްކުވާދޭ ބްރިޖްގެ ދިގުމިނުގައި ޖުމްލަ ދެ ކިލޯމީޓަރު ހުންނަ އިރު، އެއީ 20.3 މީޓަރު ފުޅާ ބްރިޖެކެވެ. ބްރިޖުގެ ދަށުން 12 މީޓަރުގެ އުސް އުޅަނދު ތަކަށް ދަތުރު ކުރެވޭއިރު މެދު ދިޔައިގައި ބްރިޖްގެ އެންމެ އުސް ހިސާބާ ހަމައަށް 20 މީޓަރު އުސްވާނެ އެވެ.