ނުހައްގު މުއްސަނދިކަން ހޯދާ ވެރިންނަށް ދައުވާކުރަން ފަސޭހަވާނެ ގޮތަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހުގެ ބިލްގެ ބަހުސް ފަށައިފި އެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޟާ އާދަމް އެވެ.
މި ބިލް ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ 515 ވަނަ މާއްދާގައި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ކަނޑައަޅާފައި އޮތް ގޮތުން ގާނޫނު މާނަ ކުރުމުގައި އޮޅުން އަރާތީ އެ މާއްދާ އިސްލާހު ކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.
އިސްލާހުގައިވާ ގޮތުން ދައުލަތުގެ މުވައްޒަފަކަށްވެހުރެ ލިބެމުންދާ ނުވަތަ ދައުލަތުގެ މުވައްޒަފެއްގެ ގޮތުގައި ވަޒީފާ އަދާކުރިިއިރު ލިބެމުންދިޔަ އާމްދަނީއާ ނުބައްދަލު ދިރިއުޅުމުގެ ފެންވަރެއް ގާއިމުކޮށްފައިވުން ނުވަތަ އެފަދައިން ގާއިމުކުރާ ދިރިއުޅުމުގެ ފެންވަރު ދެމެހެއްޓުމަކީ ކުށެކެވެ.
ދައުލަތުގެ މުވައްޒަފަކަށް ހުރިއިރު ލިބެމުންދިޔަ ނުވަތަ ދައުލަތުގެ މުވައްޒަފަށްހުރެ ލިބެމުންދާ އާމްދަނީއާ ނުބައްދަލު މިންވަރަކަށް އޭނާގެ ނަމުގައި ނުވަތަ އޭނާގެ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ނުވަތަ ފައިސާ ހޯދާ މިލްކުކުރުމަކީ ކުށެއް ކަމަށް މި އިސްލާހުގައިވެ އެވެ. އަދި އެ ދިރިއުޅުމުގެ ފެންވަރު އޭނާ ގާއިމުކޮށް ހިފަހައްޓާފައިވަނީ ގާނޫނީ ގޮތުން ހުއްދަކޮށްފައިވާ ގޮތުގެ މަތިންކަން ސާބިތުކޮށް ނުދެވުން ނުވަތަ އޭނާއަށް ނުވަތަ އޭނާއާ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހަކަށް އެ މުދަލެއް ނުވަތަ ފައިސާ ލިބިފައިވަނީ ގާނޫނު ހުއްދަކުރާ ގޮތުގެ މަތިންކަން ސާބިތުކޮށް ނުދެވިއްޖެނަމަ އެއީ ކުށެއް ކަމަށް އިސްލާހުގައިވެ އެވެ.
ދައުލަތުގެ މުވައްޒަފެއްގެ ދިރިއުޅުމުގެ ފެންވަރު އޭނާ ގާއިމުކޮށް ހިފަހައްޓާފައިވަނީ ގާނޫނީ ގޮތުން ހުއްދަކޮށްފައިވާ ގޮތުގެ މަތިން ކަމުގައިވާނަމަ ނުވަތަ އޭނާއަށް ނުވަތަ އޭނާއާ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހަކަށް އެ މުދަލެއް ނުވަތަ ފައިސާ ލިބިފައިވަނީ ގާނޫނު ހުއްދަކުރާ ގޮތުގެ މަތިން ކަމުގައިވާނަމަ އެ ހާލަތުގައި އެ ކުރަނީ ކުށެއް ނޫން ކަމަށް މި އިސްލާހުގައިވެ އެވެ.
އިސްލާހުގައިވާ ގޮތުން ކުށުގެ ދައުވާ ލިބޭ މީހަކާ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މިލްކުކުރާ މުދާ ނުވަތަ ފައިސާ އެ މީހެއްގެ ނަމުގައި އެ ހުރީ ދައުވާ ލިބޭ މީހާގެ ބޭނުމަށްޓަކައި ނުވަތަ އޭނާއަށް މަންފާ ލިބިދެވޭ ގޮތަށް ކަމުގައި ނުވަ އޭނާގެ ބާރު ހިނގާ ގޮތަށް ކަމުގައި ކޯޓަށް ސާބިތުކޮށްދީފިނަމަ އެ މުދަލެއް ނުވަތަ ފައިސާ އަކީ ދައުވާ ލިބޭ މީހާގެ ނަމުގައި ހުރި މުދަލެއް ނުވަތަ ފައިސާއެކޭ އެއްފަދައިން އެ މީހަކަށް ނިސްބަތްކުރެވޭ މުދަލެއް ނުވަތަ ފައިސާއެއް ކަމުގައިވާނެ ކަމަށް އިސްލާހުގައިވެ އެވެ.
އިސްލާހުގައިވާ ގޮތުން މި މާއްދާގައި ބަޔާންކުރާ ކުށެއް ކުރީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ނުވަތަ ވަޒީރުކަމުގެ ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ނުވަތަ ފަނޑިޔާރުކަމުގެ މަގާމެއްގައި ހުރި ފަރާތަކުންނަމަ އެ ކުށަކީ ޖިނާއަތުގެ ދެވަނަ ދަރަޖައިގެ ކުށެކެވެ. އެ ނޫން ހާލަތްތަކުގައި އެ ކުށަކީ ޖިނާއަތުގެ ތިން ވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައިވެ އެވެ.