ދުނިޔެ

މި ހުރީ ޕޫޓިންއާ މަޝްވަރާކުރާ ގޮތަށް: ޓްރަމްޕް

އެމެރިކާގެ އިންތިޚާބީ ރައީސް، ޑޮނަލްޑް ޓްރަމްޕަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން މަރުހަބާ ދަންންވައި ވަނީ ހެޔޮއެެދުން ފޮނުއްވާފަ އެވެ.

މިކަމާ ގުޅިގެން އެމެރިކާގެ އެންބީސީ ނިއުސްއިން ޓްރަމްޕަށް ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން -- ޕޫޓިންއާ މަޝްވަރާކުރެއްވުމަށް ޝައުގުވެރިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުން އިންތިޚާބުގެ ކާމިޔާބަށް ފަހު ދުނިޔޭގެ 70 ވަރަކަށް ލީޑަރުންނާ މިހާތަނަށް ވާނީ ވާހަކަދައްކަވާފަ އެވެ. އޭގެ ތެރޭގައި ރަޝިއާގެ ރައީސް ހިމެނިވަޑައި ނުގަތް ނަމަވެސް، ޕޫޓިންއަށް ފޯނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕޫޓިންއާ މަޝްވަރާ ނުކުރައްވައި ދުނިޔޭގެ ތަރުތީބު ދަމަހައްޓަން ދަތިވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ. ޕޫޓިންގެ މިޒާޖު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވަނީ އިންތިޚާބުގެ ކުރިންވެސް ޕޫޓިންއާ ބެހޭ ގޮތުން ވާހަކަދައްކަވާފަ އެވެ. ޕޫޓިން އަކީ ދުނިޔޭގެ ސިޔާސަތު ރަނގަޅަށް އެނގިވަޑައިގެން ހުންނެވި ލީޑަރެއް ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ބެހޭ ގޮތުން އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ވަރަށް ދިގުކޮށް ވާހަކަދެއްކެވި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި ޔުކްރޭން ހަނގުރާމައާ ބެހޭ ގޮތުން -- ޔުކްރޭންގެ ރައީސް ޒެލެންސްކީއާ ވެސް މަޝްވަރާކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

ޑޮނަލްޑް ޓްރަމްޕްއަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައި ޕޫޓިން ވެސް ވަނީ ވާހަކަދައްކަވާފަ އެވެ.

ޕޫޓިން ވިދާޅުވީ އެމެރިކާގައި ނިމިދިޔަ އިންތިޚާބާ ގުޅިގެން ޕޫޓިންއަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށެވެ. އަވަހާރަކޮށްލަން ދެ ފަހަރަކު ހަމަލާދިނުމުން ވެސް ސާބިތުކަމަށް ބަދަލުއައިތަން ފެނިވަޑައިނުގަތް ކަމަށް ޕޫޓިން ވިދާޅުވި އެވެ.

ޕޫޓިން އަދި ވިދާޅުވި ޓްރަމްޕްގެ ފުރަތަމަ ދައުރުގައި އެމެރިކާގައި ވެސް ޓްރަމްޕާ ދެކޮޅުވެރި އެތައް ބަޔަކު އުފެދުނު ކަމަށެވެ. އެއީ ކޮންމެވެސް ބަޔަކު އަޑީގައި ތިބެގެން ކުރުރުވި ކަމެއް ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ. މިކަމާ ހެދި ސަރުކާރުން ހެޔޮ ގޮތުގައި ހިންގަން ޓްރަމްޕަށް ދަތިވި ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

ޕޫޓިން ވިދާޅުވީ ގޮތުގައި އޭނާ ވަރަށް އަވަހަށް ޓްރަމްޕާ މަޝްވަރާކުރައްވާނެ އެވެ. އަދި ދުނިޔޭގެ ސިޔާސަތު ބައްޓަންކުރަން މަޝްވަރާކުރައްވާނެ އެވެ.