އަބްދުއްރަހީމް އަބްދުﷲ

މެންބަރުން މަގާމުން ދުރުކުރެވޭނެ ގޮތް އޮންނަންޖެހޭ: އަބްދުއްރަހީމް

ރައްޔިތުން ބޭނުންނަމަ މަޖިލިސް މެންބަރުން މަގާމުން ވަކިކުރެވޭނެ ފުރުސަތު އޮންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރެވޭނެ ގޮތް ގާނޫނުއަސާސީން ފަހިކޮށްދީފައިވާއިރު ރައްޔިތުން އިންތިހާބުކުރާ މެންބަރުން މަގާމުން ވަކިކުރެވޭނެ ފުރުސަތު ނެތުމަކީ ޒަމާނަށް ފައިހަމަކުރާ އުސޫލެއް ނޫން ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ގާނޫނުތަކާއި ސިޔާސަތުތައް އެކުލަވާލުމުގައި ޒަމާނަށް އަންނަ ބަދަލުތަކަށް ރިއާޔަތް ކުރަންޖެހޭ ކަމަށެވެ.

"އެންމެ މަތީ ވެރިޔާ ބަދަލުކުރުމުގެ ފުރުސަތު އޮވޭ. އޭގެ ދަށަށް އިންތިހާބުކުރާ މީހުން ވަކިކުރެވޭނެ ފުރުސަތު ނެތުމަކީ މި ޒަމާނަށް ފެތޭ ކަމެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެ ގޮތުން ރައްޔިތުން އައްޔަންކުރާ ކޮންމެ މަގާމެއްގައި ހުންނަ މީހަކު، ރައްޔިތުން ބޭނުންވެއްޖެނަމަ ދުރުކުރެވޭނެ ފުރުސަތު ގާނޫނުން އޮންނަންޖެހޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވަނީ މުހިންމު ގާނޫނުތައް އިސްލާހު ކުރުމުގެ މަސައްކަތް 20 ވަނަ މަޖިލީހުން ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.