އިންސާނީ ހައްގުތަކަށް ގައުމީ ޔުނިވަސިޓީގެ ދަރިވަރުން އަހުލުވެރިކުރުމުގެ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން އެމްއެންޔޫ އަށް ހާއްސަ މޮޑިއުލް އެއް ތައްޔާރުކޮށްދީ، އެ ކޮމިޝަނުގެ ބައެއް ފޮތްތަށް އެމްއެންޔޫ ލައިބްރަރީއަށް ހަދިޔާކުރުމަށް މިއަދު އެއްބަސްވެއްޖެ އެވެ.
ނެޝަނަލް ޔުނިވަސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފޮތް ހަދިޔާ ކުރުމާއި މޮޑިއުލް ތައްޔާރުކޮށްދިނުމާ ބެހޭ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޗްއާރްސީއެމުން ރައީސް އާމިނަތު އީނާސް އެވެ. އެމްއެންޔޫއިން އެ ތަނުގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީން ޝާމިލާ އަބްދުﷲ އެވެ.
ޝާމިލާ ވިދާޅުވީ، އެޗްއާރްސީއެމުން މިއަދު ސޮއިކުރާ އެއްބަސްވުމަކީ ކުރިއަށް އޮތްތަނުގައި އެ ޔުނިވަސިޓީގެ ކުދިންނަށް ކިޔަވައިދޭ ތައުލީމާއި ނުކިޔަވައިދޭ ތައުލީމަށް ކުރިއަށްވުރެ ބޮޑަށް އަހުލުވެރިކުރުވާނެ އެއްބަސްވުމެއް ކަމަށެވެ. ކިޔަވައިގެން މުޖުތަމައަށް ހިދުމަތްކުރަން ނުކުންނަ ދަރިވަރުންނަށް އިންސާނީ ހައްގުތަކާއި ބެހޭ ފުރިހަމަ މައުލޫމާތު ލިބުމަކީ މުޖުތަމައު ތަހުޒީބުވެ، ގަދަރުވެރި މުޖުތަމައެއް ބިނާކުރުމަށް އެހީވެދޭނެ ކަމެއް ކަމަށެވެ.
އެމްއެންޔޫ އާއި އެޗްއާރްސީއެމް ގުޅިގެން އެކުލަވާލާ މޮޑިއުލް ތައްޔާރުކޮށް ނިމުމުން އިންސާނީ ހައްގުތަކާއި ބެހޭ ތައުލީމު ފުޅާ ދާއިރާއެއްގައި އެ ޔުނިވަސިޓީގައި ކިޔަވައިދޭން ފަށާނެ އެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެޗްއާރްސީއެމްގެ ލައިބްރަރީގައި ހުރި 200 އެއްހާ ފޮތް އެމްއެންޔޫގެ ލައިބްރަރީ އަށް ހަދިޔާކުރާނެ އެވެ.