ރާއްޖެ ކުޅިވަރު

ދުނިޔޭގެ ކެރަމް އެސޯސިއޭޝަންގެ ނައިބަކަށް ރައުޝާން

އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް)ގެ ނައިބް ރައީސް ކަމަށް ރާއްޖޭގެ ކެރަމް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ރައުޝާން އިންތިހާބުވެއްޖެ އެވެ.

އެމެރިކާގެ ސެން ފްރެންސިސްކޯގައި ކުރިއަށްދާ ހަވަނަ ކެރަމް ވޯލްޑް ކަޕުގެ ތެރެއިން އިއްޔެ ބޭއްވި އައިސީއެފްގެ ކޮންގްރެސްގައި ބޭއްވި އިންތިހާބުން، ކުރިއަށް އޮތް ހަތަރު އަހަރުގެ ދައުރަށް ރައުޝާން އިންތިހާބުވުމާއެކު، އެ މަގާމު ފުރުއްވާ އެންމެ ހަގު ބޭފުޅަކަށް އޭނާ ވަނީ ވެފަ އެވެ.

އިންޓަ ސްކޫލް މުބާރާތުން 2013 ވަނަ އަހަރު ކެރަމް ކުޅެން ފެށި ރައުޝާން، 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ކެރަމް ވޯލްޑް ކަޕްގައި އަމްޕަޔަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ. އަދި އެ މުބާރާތުގެ ފައިނަލް މެޗުގައިވެސް އަމްޕަޔަރުކަން ކުރެއްވީ ރައުޝާން އެވެ.

އޭނާ ރާއްޖޭގެ ކެރަމް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާ 2019 ވަނަ އަހަރު ހަވާލުވުމަށްފަހު، އެސޯސިއޭޝަން ހިންގުމުގެ އިތުރުން ބައިނަލްއަގްވާމީ ޖަމިއްޔާތަކާއެކު ގުޅުން ބަދަހިކުރެއްވި އެވެ. އަދި މިއަހަރު ރާއްޖޭގައި ބޭއްވި އޭޝިއަން ޗެމްޕިއަންޝިޕް އިންތިޒާމުކުރުމުގައިވެސް ރައުޝާން ވަނީ އިސް ދައުރެއް އަދާކުރައްވާފަ އެވެ.