ހަބަރު

އަންހެނުންގެ ހައްގުތައް ގެއްލޭގޮތަށް މުއައްސަސާތަކުން އަމަލުކުރޭ

އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި އެކި ދާއިރާތަކުގައި އަންހެނުންގެ ބާރުވެރިކަން އިތުރުކުރުމަށް ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުތަކަށް އިހުތިރާކުރުމަށް ސަރުކާރުގެ މުއައްސަސާތަކަށް ޖެންޑަ މިނިސްޓްރީ ގޮވާލައިފި އެވެ.

އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވައި ޖިންސުގެ ހަމަ ހަމަކަން ރާއްޖޭގައި ގާއިމްކުރުމަށް ދާދި މިދިޔަ އަންގާރަ ދުވަހު މަޖިލީހަށް ހުށަހެޅި ބިލާއި ގުޅިގެން ޖެންޑަ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަންހެނުންގެ ކުރިމަގަށްޓަކައި އެކަށައަޅާފައިވާ ސިޔާސަތުތަކާ ތައާރުޒުވާގޮތަށް ބައެއް ހާލަތްތަކުގައި ބައެއް މުއައްސަސާތަކުން އަމަލުކުރާކަން ފާހަގަކުރެވޭ ކަމަށެވެ. އަނެހުނުންގެ ކަރާމާތާއި ރައްކާތެރިކަމަށް އެއްވެސް ގެއްލުމެއް ނުވަތަ އުންޏެއް އަންނާނެ ކަމެއް އެއްވެސް ފަރާތަކުން ކުރުމަކީ ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫންކަމަށާއި އެހެންކަމުން އެފަދަ ގޮތްތަކަށް އަމަލު ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ޖިންސުގެ ހަމަހަމަކަން ނައްތާލައި ފިރިހެނުންނާއި އެއް ސަފެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ހޯދައިދޭން ސަރުކާރުން އެކުލަވާލި "ޖެންޑަ އީކުއަލިޓީ" ނިލަށް އިޝާރާތްކޮށް އެ މިނިސްޓްރީން ބުނީ، އަންހެނުންނަށް ހަމަ ހަމަ ފުރުސަތުތަކެއް ހޯދައި ދެވޭނީ ވަކި ފަރުދުންގެ މެދުގައި އެ ވިސްނުން ގާއިމްކުރެވިގެން ކަމަށެވެ. އަދި މުއައްސަސާތަކުން އެއްބާރުލުން ދީގެން ކަމަށެވެ.