ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ "ބޮޓުން" ކަމަށް ދޭހަވާ އިބާރާތުން ވާހަކަ ނުދެއްކެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު އެދިވަޑައިގެންފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަބްދުއްރަހީމް މިހެން ވިދާޅުވީ އިޒްރޭލް ޕާސްޕޯޓް މަނާކުރުމާ ގުޅޭ ގަރާރުގެ ބަހުސްގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.
އެ ގަރާރުގެ ބަހުސްގައި މީކާއީލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ވަކިވަކި މެންބަރުން ކޮންޓްރޯލް ކޮށްގެން މަޖިލީހުގެ މުޅި އެޖެންޑާއަކީ ރައީސް އޮފީހުގެ ތެރެއިން ނެރޭ އެއްޗަކަށް ހެދުން ހުއްޓާލަން ޖެހޭ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގައި ޑރ. މުއިއްޒުގެ ފަރާތުން ޕީއެންސީގެ ފަރާތުން އިންތިހާބު ވެވަޑައިގެން ތިއްބެވި މެންބަރުން ކޮންޓްރޯލް ކުރެއްވުމުގެ ބޭނުމުގައި މި ރައްޔިތުންގެ މަޖިިލިސް އޮޕަރޭޓް ކުރެވިގެންދާ މަންޒަރު އަޅުގަނޑުމެންނަށް މިހާރު މި ފެންނަނީ. އިއްޒަތްތެރި ރައީސް. މިއީތޯ ރައްޔިތުންގެ މަންދޫބުން މިއަދު އެދޭ ގޮތަކީ މިއީތޯ ސިޔާސީ ޕާޓީއެއްގެ ޕަޕެޓުންނަށްވެގެން ބޮޓުންނަށްވެގެން މިތާ އުޅުއްވަންތޯ ރައްޔިތުންގެ މަންދޫބުން މިއަދު އެދިލައްވަނީ،" މީކާއީލް ވިދާޅުވި އެވެ.
މީކާއީލް ބަހުސްކުރައްވާ ނިމުމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ މަޖިލީހުގެ ކަރާމާތް ނުގެއްލޭ ގޮތަށް ވާހަކަ ނުދެއްކެވުމަށް އެދިވަޑައިގެންފަ އެވެ.
"އިއްޒަތްތެރި މެންބަރު. ވާހަކަފުޅު ދައްކަވާއިރު ރައްޔިތުންގެ މަޖިލީހުގެ ކަރާމާތް ގެއްލޭ ގޮތަށް ވާހަކަފުޅު ނުދެއްކެވުމަށް ދަންނަވަން. ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަކީ ބޮޓުން ކަމަށް ދޭހަވާ އިބާރާތުން ވާހަކަ ދެއްކުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގަދަރާއި އިއްޒަތަށް އުނިކަން އަންނާނެ ކަމެއް ކަމުގައި ދަންނަވަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އިޒްރޭލްގެ ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އަވަހަށް ފާސްކުރުމަށް ބާރު އަޅަން ސަރުކާރަށް ގޮވާލައި ގަރާރު ހުށަހެޅުއްވީ މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މުހައްމަދު އިބްރާހީމް އެވެ.