ލަ ލީގާ

ފަހު ވަގުތު ބާސާގެ ދެ ގޯލުގެ ލީޑު ގެއްލިއްޖެ

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ބާސެލޯނާ އިން ދެ ގޯލުގެ ލީޑެއް ނަގައިގެން ކުރިއަށް ދިޔަ ނަމަވެސް ފަހު ވަގުތުގައި 10 ކުޅުންތެރިންނާ އެކު ކުޅެން ޖެހުމާ ގުޅިގެން ސެލްޓާ ވީގޯއާ 2-2 އިން އެއްވަރުވެއްޖެ އެވެ.

މި ނަތީޖާއާ އެކު ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާގެ ލީޑު ގެއްލިދާނެ ކަމަށް މިހާރު ވަނީ ހީވާން ފަށާފަ އެވެ.

މިވަގުތު ބާސެލޯނާ އެއްވަނައިގައި އޮތީ 14 މެޗުން 34 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް އެޓްލެޓިކޯ މެޑްރިޑަށް 14 މެޗުން 29 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވަނީ 12 މެޗުން 27 ޕޮއިންޓް ލިބިފަ އެވެ. ރެއާލް މެޑްރިޑުން ބާކީ އޮތް ދެ މެޗު ކާމިޔާބުކޮށްފިނަމަ، ބާސެލޯނާ އާއި ދެމެދު އޮންނާނީ އެންމެ ޕޮއިންޓެއްގެ ފަރަގެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުގައި ބާސެލޯނާގެ ފުރަތަމަ ގޯލު ޖެހީ 15 ވަނަ މިނެޓްގައި ރަފީނިއާ އެވެ. ޖޫލްސް ކޫންޑޭ ދިން ފުރިހަމަ ކްރޮސް އަކުން ރަފީނިއާ ޖެހި މި ލަނޑަކީ މި ސީޒަނުގައި އޭނާ ޖެހި ޖުމްލަ 13 ވަނަ ގޯލެވެ.

މެޗުގެ 61 ވަނަ މިނެޓްގައި ރަފީނިއާގެ އެހީތެރިކަމާ އެކު ރޮބަޓް ލެވަންޑޯސްކީ ވަނީ ބާސެލޯނާގެ ލީޑު 2-0 އަށް ފުޅާކޮށްދީފަ އެވެ. މިއީ މި ސީޒަނުގައި ލީގުގައި ލެވަންޑޯސްކީގެ 15 ވަނަ ގޯލެވެ.

އެހެންނަމަވެސް މެޗުގެ ރޫހު ބަދަލުވީ 82 ވަނަ މިނެޓްގައި ބާސެލޯނާގެ މިޑްފީލްޑަރު މާކް ކަސާޑޯ އަށް ދެވަނަ ރީނދޫ ކާޑު ދެއްކުމާ އެކު ރަތް ކާޑު ދައްކައި، ދަނޑުން ބޭރުކުރުމުންނެވެ. އޭގެ ދެ މިނެޓް ފަހުން އިއާގޯ އަސްޕަސް ވަނީ ސެލްޓާގެ ފުރަތަމަ ގޯލު ޖަހާފަ އެވެ. އަދި އިތުރު ދެ މިނެޓް ފަހުން ހޫގޯ އަލްވާރޭޒް ވަނީ އެއްވަރު ކުރުމުގެ ގޯލު ޖަހައި، މެޗުގެ ޕޮއިންޓް ހިއްސާކޮށްފަ އެވެ.

މި ނަތީޖާއަކީ ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދުމަށް ބާސާއިން ކުރަމުންދާ މަސައްކަތްތަކަށް ވަރަށް ބޮޑު ހުރަހަކަށް ވެދާނެ ނަތީޖާ އެކެވެ.