ހަބަރު

ދެ ގޭންގެއްގެ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ބައެއް މީހުންނަށް އަނިޔާވެއްޖެ

މާލޭގެ ދެ ގޭންގެއްގެ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ބައެއް މީހުންނަށް އަނިޔާވެއްޖެ އެވެ. މި ހަމަނުޖެހުން ހިނގާފައިވަނީ މިރޭ އަށެއް ޖަހާކަށްހާއިރު އެވެ.

ދެ ގޭންގުގެ ދެމެދު ހިނގި ހަމަނުޖެހުން ހުއްޓުވަން ފުލުހުން އެ ސަރަހައްދަށް ގޮސް، އޮޕަރޭޝަނެއް ހިންގާފައިވެ އެވެ. މި އޮޕަރޭޝަނާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ދެ ގޭންގެއް ދެމެދު ހިނގި ހަމަނުޖެހުމެއް ހުއްޓުވަން ފުލުހުން އޮޕަރޭޝަނެއް މިރޭ ހިންގި ކަމަށާއި މިހާރު އޮޕަރޭޝަން ނިންމާލާފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަނުގެ ތެރޭގައި ބައެއް މީހުންނަށް އަނިޔާވެފައިވާ ކަމަށާއި އަނިޔާވި މީހުންގެ އަދަދު ނޭނގޭ ކަމަށް ވިދާޅުވި އެވެ. މި މައްސަލާގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.

މި ހަމަނުޖެހުމުގެ ތެރެއިންނާއި ފުލުހުންގެ ހިނގި އޮޕަރޭޝަނުގެ ތެރެއިން އަނިޔާވި ދެ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވެ އެވެ. އެ ހޮސްޕިޓަލުގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު އައްފާލު ވިދާޅުވީ، އެކެއްގެ ބޯ ފެހުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެނެއް މީހާއަށް އަދިވެސް ފަރުވާ ދެމުންދާ ކަމަށާއި އޭނާގެ ކަންފަތުން އަދިވެސް ލޭމަނާ ނުވާ ކަމަށް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި މި ހަމަނުޖެހުން ހިނގީ، ދެހާސް ސާދަވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސ. މަރަދޫ ހުދުހިރި، އަހްމަދު މަފާޒު މަރާލި މައްސަލާގައި ދައުވާ އުފުލި ތިން މީހުންނާއި އިތުރު ގޭންގަކާ ދެމެދު އެވެ. މި ތިން މީހުންނަކީ މަސްއޮޑިއަށް ނިސްބަތްވާ ބައެކެވެ. އެއީ ހ. ބްލޫބާޑް މުހައްމަދު މިދުހަތު އާއި ހ. އީމާންމަންޒިލް އަހްމަދު ސައީދުގެ އިތުރުން މާލޭ ދަފްތަރު 1475 އަހްމަދު ރިޒާމެވެ.

ތިން މީހުން ދޫކޮށްލާފައިވަނީ އިއްޔެ، ކްރިމިނަލް ކޯޓުން އެގޮތަށް އަމަރުކުރުމާ ގުޅިގެންނެވެ. އެ މީހުން ދޫކޮށްލާފައިވާއިރު މި މައްސަލާގައި ހެކި ބަސް ނެގުން އަދި ނުނިމެ އެވެ.