ސިއްހީ ދާއިރާގައި މަސައްކަތް ކުރާ އެމްބީބީއެސް ފެންވަރުގެ ޑޮކްޓަރުންނަށް އަމާޒުކޮށްގެން ހުޅުވާލާފައިވާ ސުޕަ ސްޕެޝަލިސް ޑޮކްޓަރުން ތަމްރީންކުރާ ކޯހުގެ ސްކޮލަޝިޕަށް އެދުމުގެ ފުރުސަތު ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަން އިން ހުޅުވާލައިފި އެވެ.
ހަޔާ އެޑިއުކޭޝަނުން ނެރުނު އިއުލާނެއްގައި ބުނީ، ސްކޮލަޝިޕަށް އެދި ހުށަހެޅޭނީ އެމްބީބީއެސް ފުރިހަމަ ކުރުމާއެކު މެޑިކަލް އެސޯސިއޭޝަނުގައި ރަޖިސްޓްރީ ކޮށް މަސައްކަތުގެ ދާއިރާއިން ދެއަހަރު ދުވަހުގެ ތަޖުރިބާ ހާސިލްކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ. ޑޮކްޓަރުން ތަމްރީނުކުރަން ފަށާފައިވާ ޕްރޮގްރާމަކީ ރާއްޖޭގެ ސިއްހީ ދާއިރާގެ ފެންވަރު ރަނގަޅުކޮށް ދިވެހި ސުޕަ ސްޕެޝަލިސްޓުން އިތުރުކުރުމުގެ ގޮތުން ފެށި ޕްރޮގްރާމެއް ކަމަށެވެ.
ނޭޕާލްގެ މަޝްހޫރު ޓްރިބްވާން ޔުނިވާސިޓީ އިން އެކި ދާއިރާތަކުން ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ލިބިގެންދާ އެ ސްކޮލާޝިޕަށް ހޮވޭ ފަރާތްތައް ކިޔަވާ ނިންމުމަށްފަހު އަތޮޅުތެރޭގެ ރަށްރަށުގެ ހޮސްޕިޓަލްތަކުގައި މަދުވެގެން ފަސް އަހަރު މަސައްކަތް ކުރަންޖެހޭ ގޮތަށް ބޮންޑު ކުރެވޭނެ އެވެ. އަދި ސްކޮލާޝިޕަށް އެޕްލައި ކޮށްގެން ހޮވުމަށްފަހު އެ ފުރުސަތު ދޫކޮށްލާ ކެންޑިޑޭޓުން ކޯސް ދޫކޮށްލައިފި ނަމަ، ކޯސް ފުރިހަމަ ނުކުރުން ފަދަ ސަބަބުތައް ދިމާވެގެން ދަރިވަރުން ބްލެކްލިސްޓު ކުރުމާ ބެހޭ އުސޫލުގެ ދަށުން ބްލެކް ލިސްޓު ކުރާނެ ކަމަށް އެ ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ.
ސްކޮލާޝިޕަށް ފޯމް ހުށަހަޅުމުގެ މުއްދަތު ހުޅުވާލާފައި ވަނީ އަންނަ ހޯމަ ދުވަހާއި ހަމަޔަށެވެ. ފޯމް ހުށަހަޅަންޖެހޭނީ އެޑިއުކޭޝަން މިނިސްޓްރީ އަށެވެ.