ހަބަރު

"ކެއާ ފޯ ޓައިނީ ހާޓްސް 2016"ގެ ނަމުގައި ކޭމްޕެއް ބާއްވަނީ

"ކެއަރ ފޮރ ޓައިނީ ހާރޓްސް 2016" ގެ ނަމުގައި ކޭމްޕެއް ބޭއްވުމަށް ޓައިނީ ހާރޓްސް އޮފް މޯލްޑިވްސް ނިންމައިފި އެވެ. މި ކޭމްޕަކީ ވޭތުވެދިޔަ ހަތް އަހަރުވެސް ކާމިޔާބުކަމާއި އެކު ބޭއްވި ކޭމްޕެކެވެ.

ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްއިން ބުނީ، ޖަމްއިއްޔާގެ މައިގަނޑު މަގުސަދަކީ އުފެދުމުގައި ހިތުގެ މައްސަލަ ހުންނަ ކުދިންނަށް އެހީތެރިވުމާއި މިފަދަ ހިތުގެ ބަލިތަކާއިމެދު، ހޭލުންތެރިކަން އިތުރުކުރުވުން ކަމަށާއި ޖަމްއިއްޔާގެ ފަރާތުން މިފަދަ ކުދިންނަށް އަމާޒުކޮށްގެން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބާރުއެޅުމުގެ މަގްސަދުގައި އަހަރަކު އެއްފަހަރު ކުޑަކުދިންގެ ހިތުގެ ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު "ކެއަރ ފޮރ ޓައިނީ ހާރޓްސް" ކޭމްޕްގެ އެހީގައި ފޯރުކޮށްދޭ ކަމަށެވެ.

"މިއަދާހަމަޔަށް މިޖަމްއިއްޔާގައި 430 ކުދިންވަނީ ރަޖިސްޓްރީކުރެވިފައިވޭ. މީގެ ތެރެއިން ގިނަކުދިންނަކީ އަތޮޅުތެރޭގައި ދިރިއުޅޭ ކުދިން، މި ޖަމްއިއްޔާއިން ފާއިތުވެ ދިޔަ އަހަރުތަކުގައި މިފަދަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދީ ހޭލުންތެރިކަން އިތުރުކުރުމުގެ ތަފާތު ޕްރޮގްރާމްތައް ވަނީ ކުރިއަށް ގެންގޮސްފައި،" ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްއިން ބުނެ އެވެ.

"ކެއަރ ފޮރ ޓައިނީ ހާރޓްސް 2016" ގެ ނަމުގައި މި އަހަރު ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މިހިނގާ މާޗް މަހުގެ 20 އިން 22 އަށް އައިޖީއެމް ހޮސްޕިޓަލާ ގުޅިގެންނެވެ. މިއީ މިގޮތުން ބޭއްވޭ އަށްވަނަ ކޭމްޕެވެ. މިއަހަރުގެ ކޭމްޕްގައިވެސް އެހެން އަހަރުތަކޭ އެއްފަދައިން އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގެ ކުޑަކުދިންގެ ހިތުގެ ހާއްސަ ދެ ޑޮކްޓަރުން ކުދިން ބައްލަވާއިރު ރާއްޖޭގައި މަސައްކަތްކުރައްވާ ހިތުގެ ހާއްސަ ޑޮކްޓަރުން ވެސް ހަރަކާތްތެރިވާނެ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ. ފާއިތުވެދިޔަ އަހަރުތަކުގައިވެސް ކޮންމެ އަހަރަކު ސަތޭކައަށް ވުރެ ގިނަކުދިންނަށް މިކޭމްޕްގެ ދަށުން ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ދެވިފައިވާ ކަމަށާއި މިއަހަރުގެ އަމާޒަކީ ކޭމްޕް ނިމޭއިރު 170 ކުދިންނަށް މި ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

މީގެ އިތުރުން މިއަދު "ފީޓަލް ހާރޓް މޯލްޑިވްސް 2016" ގެ ނަމުގައި ރާއްޖޭގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންނަށް އަމާޒުކޮށްގެން ފީޓަލް އިކޯ ވާރކްޝޮޕެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްއިން ބުނީ މިއަހަރުގެ ވާރކްޝޮޕް ނަގައިދިނުމަށް ހަމަޖެހިފައިވަނީ ބައިނަލްއަގުވާމީ ފެންވަރުގެ މިދާއިރާގެ މާހިރުން ކަމަށާއި އެއީ މާބަނޑު މީހުންގެ ބަނޑުގައިވާ ދަރިފުޅުގެ ހިތުގެ މައްސަލަ އެއް ހުރިތޯ ބެލުމަށް އަހުލުވެރި ކުރުމުގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ ވާރކްޟޮޕެއް ކަމަށެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި ވެސް އައިޖީއެމް ހޮސްޕިޓަލުގެ ސްކޭން ޑޮކްޓަރުންނަށް އަމާޒުކޮށްގެން "ފީޓަލް އިކޯ"އަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައްވަނީ ހިންގިފައިވެ އެވެ.