މާލެ ސިޓީގެ ޖޮއިންޓް އޭޖެންސީ ޓީމުގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި އެވެ.
މި ކޮމިޓީއަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ފުލުހުންނާ ހަވާލުކޮށްފައިވާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެކުލަވައިލާފައިވާ ކޮމިޓީ އެކެވެ.
ފުލުހުން ބުނީ އިސްކަންދަރު ބިލްޑިންގްގައި އިއްޔެ ކުރިއަށް ގެންދިޔަ މި ބައްދަލުވުމަކީ ފުލުހުންގެ ފަރާތުން ފޯރުކޮށްދެމުންދާ ހިދުމަތް ކޮމިއުނިޓީ ފަލްސަފާއާ އެއްގޮތަށް ފޯރުކޮށްދިނުމަށްޓަކައި ރައްޔިތުންނާއި، ކައުންސިލްތަކާއި، މަދަނީ ޖަމިއްޔާތަކާ އަދި ދައުލަތުގެ މުއައްސަސާތަކުގެ ބައިވެރިވުމާއެކު ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެއް ކަމަށެވެ.
މި ބައްދަލުވުމުގައި މާލެ ޕޮލިސް ހެޑް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އާސިމް އަބްދުﷲ އާއި މާލެ ޕޮލިސްގެ އެކި ބަހާތަކުގެ އިސްވެރިންގެ އިތުރުން ސަރުކާރުގެ ބައެއް އިދާރާތަކާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވި އެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރީ މާލެތެރޭގައި ހިނގާ ނޭދެވޭ ކަންތައްތައް ހައްލުކުރުމާއި އިތުރަށް ހައްލުކުރަންޖެހޭ މައްސަލަތައް ދެނެގަނެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މައްސަަލަތަކުގައި ހައްލު ހޯދުމަށެވެ. އަދި މުޖުތަމައުގައި ހުރި ކަންބޮޑުވުންތަކާއި އެކަންކަން ހައްލުކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެ އެވެ.
މީގެއިތުރުން ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ބިދޭސީންގެ މައްސަލަތައް ހައްލުކޮށް މިހާރަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރުމަށް ވާހަކަދައްކާފައިވެ އެވެ. އަދި ފުލުހުންނާއި އިދާރާތަކުން ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރަށް ފަސޭހަކުރުުމުގެ ގޮތުން ކޮންމެ އިދާރާއަކުން ވެސް ހާއްސަ ފޯކަލް ޕޮއިންޓެއް ކަނޑައަޅާފައިވެ އެވެ.
ފުލުހުން ބުނީ ކޮމިޓީގެ މި ބައްދަލުވުންތަކަކީ ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބައްދަލުވުންތަކެއް ކަމަށެވެ.