ހަބަރު

މަފާޒުގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ މީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފަށް

ދެހާސް ސާދަވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސ. މަރަދޫ ހުދުހިރި، އަހްމަދު މަފާޒު މަރާލި މައްސަލާގައި ދައުވާ އުފުލި ތިން މީހަން ދޫކޮށްލި މައްސަލަ އިސްތިއުނާފުކޮށްދިނުމަށް ފުލުހުން، ޕީޖީ އޮފީހުގައި އެދެފި އެވެ. ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވަނީ، ހ. ބްލޫބާޑް މުހައްމަދު މިދުހަތު އާއި ހ. އީމާންމަންޒިލް އަހްމަދު ސައީދުގެ އިތުރުން މާލޭ ދަފްތަރު 1475 އަހްމަދު ރިޒާމެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މަފާޒު މަރުގެ މައްސަލާގެ ދައުވާލިބޭ ތިން މީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފުކޮށްދިނުމަށް ޕީޖީ އޮފީހުގައި އެދިފައިވާ ކަމަށެވެ.

އެ މީހުންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާއި (ކ)އާ ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުނެވެ. ގްރޫޕަކުން ހިންގި ހަމަނުޖެހުމުގައި މަފާޒަށް ތޫނުއެއްޗަކުން ހަމަލާދީ ވަނީ މަރާލާފައިވީ ނަމަވެސް އޭނާއަށް ތޫނުއެއްޗަކުން ހަމަލާދިން މަންޒަރު ފެނުނު މީހުން ވަނީ ތަހުގީގަށް ބަޔާން ދިނުމަށް އިންކާރުކޮށްފަ އެވެ. އެހެންކަމުން ދައުލަތުން ވަނީ ތިން މީހުންނަށް މަފާޒުގެ މަރުގެ ތުހުމަތު ނުކުރަން ނިންމާފަ އެވެ. އެމީހުންގެ މައްޗަށް ދައުވާ ކުރީ އެރޭ ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގަ އެވެ.

ތިން މީހުން ދޫކޮށްލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު، ކްރިމިނަލް ކޯޓުން އެގޮތަށް އަމަރުކުރުމާ ގުޅިގެންނެވެ. އެ މީހުން ދޫކޮށްލާފައިވާއިރު މި މައްސަލާގައި ހެކި ބަސް ނެގުން އަދި ނުނިމެ އެވެ.

މަފާޒު މަރުގެ މައްސަލާގެ ދައުވާ ލިބޭ ތިން މީހުންނާއި ގޭންގަކާ މެދު ރޭ ވަނީ ހަމަނުޖެހުން ހިނގާފަ އެވެ. މި ހަމަނުޖެހުން ހުއްޓުވުމަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ހިނގާ، 13 މީހުން ހައްޔަރުކޮށްފައިވެ އެވެ.