ހަބަރު

ރޭގެ އޮޕަރޭޝަނަކީ ސަރުކާރާއި ޒުވާނުން ޖައްސަން ފުލުހުން ކުރި ކަމެއް: ކްލަބްތައް

ދެ ގޭންގެއްގެ ދެމެދު ހިނގި ހަމަނުޖެހުމެއް ހުއްޓުވަން ކަމަށް ބުނެ، ފުލުހުން ރޭ ހިނގި އޮޕަރޭޝަނަކީ ކްލަބުތަކާއި ސަރުކާރާމެދު ނުތަނަވަސްކަން އުފެއްދުމަށް ބަޔަކު ރާވައިގެން ހިނގި ކަމެއް ކަމަށް މަސްއޮޑި ސްޕޯޓްސް ކްލަބް އަދި ކްލަބް އޯވަންއޯ އިން ބުނެފި އެވެ.

އެ ދެ ކްލަބުން މިރޭ ޕާމް ޑެކް ގާޑަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކްލަބް އޯވަންއޯގެ ރައީސް އަހުމަދު ޝިނާން ބުނީ، ދެ ގޭންގެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއް ހުއްޓުވަށް ކަމަށް ބުނެ ރޭ މީޑިއާތަކަށް ފުލުހުން ދީފައިވަނީ ދޮގު މައުލޫމާތެއް ކަމަށެވެ. އަދި ރޭގައި ފުލުހުން އެ ކްލަބްގެ ކޮމްޕްލެކްސްއަށް ވަދެފައިވަނީ އެއްވެސް ކޯޓު އަމުރެއް ނެތި ގާނޫނޫ ހިލާފަށް ކަމަށް ވެސް އޭނާ ބުންޏެވެ.

"އެތާ ތިބި ކުދިންނަށް ފުލުހުން ވަރަށް އަނިޔާކުރި، 40 އިންޗީގެ ޓީވީއަކުން މީހެއްގެ ބޮލުގައި ޖަހާފައިވޭ، އަޅުގަނޑުމެންނަކީ މި ސަރުކާރަށް ވަރަށް ސަޕޯޓްކުރާ ބައެއް، އެމީހުންގެ އެތައް އިވެންޓުތަކެއްގައި ބައިވެރިވެފައިވާ ބައެއް، އަޅުގަނޑުމެންނަކީ އަމިއްލަ ނަފުސެއް، މަސައްކަތް ކުރަނީ ޒުވާނުން ކޮޅަށް ޖަހަން،" ޝިނާން ބުންޏެވެ.

ޝިނާން ބުނީ، މިކަން ފުރިހަމައަށް ތަހުގީގުކޮށް އިންސާފު ހޯދައިދޭން ޖެހޭނެ ކަމަށެވެ. އަދި ކޮމްޕްލެސްގައި ހުރި ގިނަ އަދަދެއްގެ ސާމާނު ފުލުހުން ހަލާކުކޮށްލާފައިވާ ކަމަށާއި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބުންޏެވެ. އެހެން ނަމަވެސް މިކަމުން ސަރުކާރަށް ކުރާ ތާއީދު ފިލައިގެން ނުދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަދިވެސް އަޅުގަނޑުމެން މިތިބީ މި ސަރުކާރާއެކު،" ޝިނާން ބުންޏެވެ.

މަސްއޮޑި ސްޕޯޓްސް ކްލަބްގެ މެންބަރު މުހައްމަދު ކިނާނަތް ބުނީ، ރޭގެ ކަންތައްތަކަކީ ދެ ގޭންގެއްގެ ދެމެދުގައި ހިނގާދިޔަ ކަމެއް ނޫން ކަމަށެވެ. އަދި މިކަން ބަލައިދިނުމަށް އޭނާ ކަމާ ގުޅޭ ފަރާތްތަކަށް އޭނާ ގޮވާލެއްވި އެވެ.

"މަސްއޮޑި ސްޕޯޓްސް ކްލަބުގެ އަނިޔާވި މެންބަރުންނަށް ފަރުވާދިނުމަށް ފުލުހުންގެ އެއްވެސް އެއްބާރުލުމެއް އަދި އެހީތެރިކަމެއް ލިބިފައެއް ނެތް، ދެ ގުރޫޕެއް މާރާމާރީ ހިނގައިގެންނޭ ބުނެ ހައްޔަރުކޮށްފައިވަނީ މަސްއޮޑި އާއި އޯއެންއޯއަށް ނިސްބަތްވާ ކުދިން ކޮޅެއް އެކަނި، އަޅުގަނޑަށް ލަފާކުރެވެނީ މިއީ ސަރުކާރާ ނުތަނަސްވަންކަން އުފެއްދުމަށް ކުރި ކަމެއް،" ޖިނާން ބުންޏެވެ.

ޝިނާން ބުނީ، ފުލުހުންގެ ތަހުގީގަށް އެއްބާރުލުންދޭނެ ކަމަށާއި ނަމަވެސް އަނިޔާވި މީހުންގެ އެއްވެސް މައުލޫމާތު ފުލުހުން ނުނަގާ ކަމަށެވެ. އަދި އެސްއޯ ފުލުހުން ރޭގައި އޮޕަރޭޝަން ހިނގަން އައީ ސައިކަލްތަކެއްގައި ކަމަށާއި އެއީ ފުލުހުން އޮޕަރޭޝަންތަކަށް އަންނަ ގޮތް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.