ހަބަރު

މާރާމާރީއާ ގުޅިގެން ހައްޔަރުކުރި 13 މީހުން ދޫކޮށްލައިފި

މާލޭގެ ދެ ގޭންގެއް ދެމެދު ރޭ ހިނގި މާރަމާރީއެއް ހުއްޓުވަން ކަމަށް ބުނެ ފުލުހުން ހިނގި އޮޕަރޭޝަނުގައި ހައްޔަރުކުރި 13 މީހުން ދޫކޮށްލައިފި އެވެ. ފުލުހުން އޮޕަރޭޝަނުގެ ސަބަބުން ބައެއް މީހުނަށް ވަނީ އަނިޔާވެފަ އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ވިދާޅުވީ، މާލޭ ތެރޭގައި ހަމަނުޖެހުން ހިނގި ކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކުރި 13 މީހުން މިރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ.

ރޭ ހިނގި ހަމަނުޖެހުމުގެ ތެރޭގައި އަނިޔާވި މީހުންނަށް އޭޑީކޭ އަދި އައިޖީއެމްއެޗްގައި ފަރުވާދީފައިވެ އެވެ.

އިސްމާއިލް އަލީ މިއަދު އަވަސްއަށް ވިދާޅުވީ، ރޭ ފުލުހުން ހިނގި އޮޕަރޭޝަނުގައި ގޭންގުތަކަށް ހަމަލާދިން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާތީ އެކަން ޕީއެސްޑީއިން ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.

ރޭ ފުލުހުން ބުނީ، ފުލުހުން ހިނގި އޮޕަރޭޝަނަކީ ދެ ގޭންގެއް ދެމެދު ހިނގި ހަމަނުޖެހުމެއް ހުއްޓުވުމަށް ހިނގި އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަނަށް ސިފައިން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. ފުލުހުންގެ ވާހަކަތައް މަސްއޮޑި ސްޕޯޓް ކުލަބް އަދި ކްލަބް އޯވަންއޯއިން ވަނީ ދޮގުކޮށްފަ އެވެ.

އެ ދެ ކްލަބުން ބުނީ، ގޭންގެއްގެ ދެމެދުގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައިނުވާ ކަމަށާއި، ފުލުހުން އެ ކްލަބްގެ މެންބަރުންނަށް އަނިޔާކޮށްފައިވާ ކަމަށެވެ. އަދި އެ ދެ ކްލަބްގެ ކޮމްޕްލެކްސްއަށް ފުލުހުން ވަނީ އެއްވެސް ކޯޓު އަމުރެއް ނެތި ކަމަށް ވެސް ބުންޏެވެ.