މޯލްޑިވްސް ކަސްޓަމްސް ސާވިސް

އިމްޕޯޓް ޑިއުޓީގެ އާމްދަނީ 11 ޕަސެންޓް މައްޗަށް

މިދިއަ ފެބުރުއަރީ މަހު އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހާ އަޅާބަލާއިރު 11 ޕަސެންޓް އިތުރުވެފައިވާ ކަމަށް ކަސްޓަމްސް ސާވިސްއިން ބުނެފި އެވެ. މިދިޔަ މަހުގެ ތަފާސް ހިސާބުތައް ކަސްޓަމްސްއިން މިއަދު ނެރުނުއިރު ބުނެފައިވަނީ، މިދިޔަ މަހު އިމްޕޯޓްކުރި މިންވަރު 23 ޕަސެންޓް އިތުރުވެފައިވާއިރު، އެކްސްޕޯޓް ވެސް 67 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.

ދެހާސް ފަނަރަވަނަ އަހަރުގެ ފެބުރުއަރީ މަހު 2.23 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެކުރި އިރު މިދިއަ ފެބުރުއަރީ މަހު އެތެރެކުރި މުދަލުގެ ސީއައިއެފް އަގަކީ 2.93 ބިލިއަން ރުފިޔާ އެވެ. އަދި މިދިޔަ ފެބުރުއަރީ މަހު ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ އެފްއޯބީ އަގަށް 338.5 މުލިއަން ރުފިޔާއަށް އަރާއިރު، މިދިޔަ އަހަރުގެ ފެބުރުއަރީ މަހު މި އަދަދު ހުރީ 202.3 މިލިއަން ރުފިޔާގަ އެވެ.

ކަސްޓަމްސް އިން ބުނީ ނިމިދިޔަ ފެބުރުއަރީ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކާބޯތަކެތީގެ ބާވަތްތަކަށް ކަމަށާއި ކާބޯތަކެއްޗަށް 491.4 މިލިއަން ރުފިޔާ ހޭދަކުރެވިފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ހޭދަކޮށްފައިވާ މެޝިނަރީގެ ބާވަތްތަކަށް ފެބުރުއަރީ މަހު 136.3 މިލިއަން ރުފިޔާ ހޭދަ ކުރި ކަމަށެވެ. އެއީ އެ މަހުގެ ޖުމްލަ އިމްޕޯޓުގެ ހަތް ޕަސެންޓެވެ.