ގއ. ވިލިނގިލި

ގއ. ވިލިނގިލީގައި ސިޒޭރިއަން ހެދި މީހަކު ހާލު ބޮޑުވެ، މާލެ ގެންނަނީ

ގއ. ވިލިގިނލީގައި ސިޒޭރިއަން ހެދި މީހެއްގެ ހާލު ސީރިއަސްވެ މާލެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ. މިހާރު އެ މީހާއަށް ފަރުވާ ދެމުން ގެންދަނީ ގދ. ތިނަދޫ އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލުގަ އެވެ.

އެ ހޮސްޕިޓަލްގެ އެސިސްޓެންޓް މެނޭޖަރު އައިމިނަތު އަބްދުލް ހަކީމް މިއަދު ވިދާޅުވީ، ވިލިނގިލީގައި ސިޒޭރިއަން ހެދި މީހާ ހާލު ބޮޑުވެ، އިތުރު ފަރުވާ ދިނުމަށް ތިނަދޫ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ.

"ވިލިނގިލީ ހޮސްޕިޓަލުގެ އައިސީޔޫގެ ހިދުމަތް ރަނގަޅު ނޫން ވީމަ، އެކޮޅުގައި ވެންޓިލޭޓަރުގެ ހިދުމަތް ވެސް ދެވެން ނެތީމަ ގެނައީ،" އައިމިނަތު ވިދާޅުވި އެވެ.

އެ މީހާއަށް ތިނަދޫ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދާއިރު، އެމީހާގެ ނޭވާ ލައްވަނީ ވެންޓިލޭޓަރުގެ އެހީގަ އެވެ. އައިމިނަތު ވިދާޅުވީ، އެ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި އައިޖީއެމްއެޗްގެ ޑޮކްޓަރުން މަޝްވަރާކުރުމަށްފަހު، އެމީހާ މާލެ ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ. މާލެ ފޮނުވުމުގެ ކަންކަން މިހާރު ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިރޭ ފަތިހު ފްލައިޓަށް ހަމަޖެހިފައި އޮތީ، ފްލައިޓްގައި ދަތުރުކުރެވޭވަރަށް އަދި ސްޓޭބަލެއް ނޫން، ނަމަވެސް ފަތިސްވާއިރު ސްޓޭބަލް ވާނެ ކަމަށް ބެލެވޭ،" އައިމިނަތު ވިދާޅުވި އެވެ.