މޫސުން ގޯސް ދުވަސްވަރު އާންމުކޮށް ފެންބޮޑުވާ 72 ރަށަކަށް ފެން ހިންދާ ޕަމްޕް ފޮނުވައިފި އެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޗީފް އެގްޒެކްޓިވް ހިސާން ހަސަން ވިދާޅުވީ މިއަދުން ފެށިގެން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާތީ އެކަމަށް ތައްޔާރީތަކެއް ވެފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގައި އެންމެ ބޮޑަށް ފެން ހެދޭ ރަށްތައް ފާހަގަކޮށް 72 ރަށަކަށް ފެން ހިންދާ ޕަމްޕް މިހާރު ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ.
"މީގެ އިތުރުން ފިކްސްޑް ބޭސްޑް ފެން ހިންދާ ނިޒާމެއްވެސް ރަށްރަށުގައި ގާއިމުކުރެވިފައިވާނެ،" ހިސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަށްރަށުގައި ފެންބޮޑުވާނަމަ އަމަލުކުރަންވީ ގޮތްތައް ކައުންސިލްތަކަށް އަންގާފައިވާނެ ކަމަށެވެ. އަދި އެ ރަށްރަށުގައި ހަރަކާތްތެރިވާ ކޮމިއުނިޓީ އިމަޖެންސީ ރެސްޕޮންސް ޓީމްތަކަށް އިރުޝާދުތައް ދީފައިވާ ކަމަށެވެ.
ހިސާން އިތުރަށް ވިދާޅުވީ އެންޑީއެމްއޭ އިން ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން މޫސުމީ މައްސަލަތަކަށް ތައްޔާރުވުމުގެ ގޮތުން އަދި ރައްޔިތުންނަށް އެހީވުމަށް ކަމާ ގުޅޭ ޕްލޭންތައް ހަދައި އިރުޝާދުތައް ދެމުންދާ ކަމަށެވެ.
ހިސާން އެންމެ ބޮޑަށް އެދިވަޑައިގަތީ ކަމާ ގުޅޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ތަބާވެ އަދި ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ފަރުދީ ޒިންމާ އަދާކުރެއްވުމަށެވެ.