ޑރ. މުހައްމަދު މުއިއްޒު

އެސްޓޯނިއާގެ ޑިޖިޓަލް ކުރިއެރުންތައް ބައްލަވާލައްވައިފި

އެސްޓޯނިއާގެ ރައީސަށް ލަފާއަރުވާ އެ ގައުމުގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާއެކު ވަށްމޭޒު މަޝްވަރާތަކުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފި އެވެ.

ރައީސް މުއިއްޒު އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފްދުގެ މެންބަރުންނާއި، ޓެކްނޮލޮޖީގެ ދާއިރާގެ މަންދޫބުން ވަނީ ޑިޖިޓަލް ވެށްޓަކަށް އެސްޓޯނިއާއިން ކުރި ފާހަގަކޮށްލެވޭ ދަތުރާ ބެހޭ މައުލޫމާތު ހޯއްދަވައި، އެމަސައްކަތްތައް ބައްލަވައިލައްވާފަ އެވެ.

މަޝްވަރާތަކުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ޑިޖިޓަލް ރާއްޖެއަކަށް ދިވެހިރާއްޖެ ހެދުމަށް އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާ ތަސައްވުރު ހިއްސާ ކުރެއްވި އެވެ. ޑިޖިޓަލް ރާއްޖޭގެ ތަސައްވުރަކީ އެންމެންނަށްވެސް ބޭނުންހިފޭ، ދެމެހެއްޓެނިވި އަދި ވިލުންވެރި ތަސައްވުރެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ އަމާޒަކީ އެންމެ ފުރަތަމަ އިޚްތިޔާރަކަށް ޑިޖިޓަލް ޓެކްނޮލޮޖީ ހިޔާރު ކުރައްވާ ސަރުކާރެއް ބިނާކުރުން ކަމަށާއި އެކަން ކުރަނީ ރައްޔިތުންނަށް އިސްކަންދީގެން ކަމަށެވެ. އެއާއެކު ކޮންމެ ދިވެއްސަކީ، އެ މީހަކު އެ އިރެއްގައި ހުރި ތަނެއް އިސްތިސްނާވުމެއް ނެތި، ޓެކްނޮލޮޖީގެ ތެރެއިން ބާރުވެރި ކުރެވިފައިވާ ރައްޔިތަކަށް ހެދުން އެއީ ބޭނުމެއް ކަމުގައިވެސް ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި އެސްޓޮނިއާގެ ރައީސް ޑރ. އަލާރް ކަރިސް ދެއްކެވި ވާހަކަފުޅުގައި ޑިޖިޓަލް ކުރިއެރުންތައް ހޯދުމުގައި އެސްޓޯނިއާއިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވައި، އީޖާދުތަކަށް މަގުފަހިކުރުމުގެ މޭރުމުން ދިވެހިރާއްޖެއާއި އެސްޓޯނިއާގެ ގުޅުން ބަދަހިކުރުމަށް ހިތްވަރު ދެއްވި އެވެ. އަދި މިހާރަށްވުރެ ކުރިއަރާފައިވާ އަދި ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުމަށް އެންމެން ގުޅިގެން އީޖާދީ ހައްލުތަކެއް ހޯދުމަށް މަސައްކަތްކުރުމުގެ މުހިއްމުކަން އެސްޓޯނިއާގެ ރައީސް ފާހަގަކުރެއްވި އެވެ.

އެސްޓޯނިއާގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލްގެ މެންބަރުން ވަނީ އުމްރާނީ ވަސީލަތްތައް ބިނާކުރުމަށާއި ޑިޖިޓަލް ތަރައްގީގެ މުހިއްމު ދާއިރާތައް ކުރިއެރުވުމުގައި ޕްރައިވެޓް ސެކްޓަރުގެ ބައިވެރިވުމާއެކު އަދާކުރެވިދާނެ މުހިއްމު ދައުރު ހިއްސާ ކުރައްވާފަ އެވެ. އަދި އީޖާދުތަކަށް މަގުފަހިކުރުމަށް ސްޓެމް އެޑިޔުކޭޝަނާއި ލޮޖިކަލް ތިންކިން އަކީ ޅަ އުމުރުން ފެށިގެންވެސް އުނގަންނައިދިނުން މުހިއްމު ކަންތައްތަކެއްކަން އެ ބޭފުޅުން ފާހަގަކުރެއްވި އެވެ.

އަދި ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރަށް އެއްބާރުލުން ދިނުމުގެ ގޮތުން އެފަރާތްތަކުގެ ތަޖުރިބާ ހިއްސާކޮށްދެއްވާ، ހިދުމަތްތައް އަލުން ފަރުމާކުރުމާއެކު އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ޝައުގުވެރިކަން ކައުންސިލުގެ މެންބަރުން ފާޅުކުރެއްވި އެވެ.

އެސްޓޯނިއާގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާއެކު މިއަދު ކުރިއަށް ގެންދިޔަ މަޝްވަރާތައް އަމާޒު ކުރެއްވީ ދިވެހިރާއްޖޭގެ އަދުގެ ހާލަތު ދެނެގަތުމާއެކު، ޑިޖިޓަލް ތަރައްގީގެ ރޮނގުން ރާއްޖެއަށް އެންމެ ބޭނުންތެރި ދާއިރާތަކާއި އިސްތިރާޖުތައް ދެނެގަތުމުގެ މައްޗަށެވެ.

އެސްޓޯނިއާގެ ރައީސަށް ލަފާ އަރުވާ އެ ގައުމުގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާ އެކު ވަށްމޭޒު މަޝްވަރާތައް ކުރިއަށް ގެންދިޔައީ އެސްޓޯނިއާގެ ޕޯކޯ ޕޮޕް އެންޑު ކޮންޓެމްޕޮރަރީ އާޓް މިއުޒިއަމް ގައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސް މުއިއްޒު ވަނީ ޕޯކޯ ޕޮޕް އެންޑު ކޮންޓެމްޕޮރަރީ އާޓް މިއުޒިއަމް ބައްލަވައިލައްވާފަ އެވެ.