އެމެރިކާއިން އުފައްދައި އުނިއިތުރުކޮށް ދަމަހައްޓާ ޓެރަރިޒަމްގެ ލިސްޓުން ކިއުބާ އުނިކުރަން ޖޯ ބައިޑަން ނިމްމަވައި ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން ކިއުބާ އުނިކުރަން ބައިޑަން ނިންމެވީ ކިއުބާގެ ޖަލުތަކުގައި ތިބި ސިޔާސީ ކުށްވެރިން މިނިވަންކުރުމުގެ އުއްމީދު ގައެވެ.
އެސޯސިއޭޓް ޕްރެސްއަށް މައުލޫމާތު ދެއްވަމުން ބައިޑަން ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ކިއުބާއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ކުށްވެރިން މިނިވަންކުރާނެ ކަމަށެވެ. ބަދަލުގައި ކިއުބާގެ ނަން ޓެރަރިޒަމް ލިސްޓުން ނަގަން ބައިޑަން ނިންމަވާފައިވާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.
ޖޯ ބައިޑަންގެ ރިޔާސީ ދައުރު، ޖެނުއަރީ 20 ގައި ހަމަވުމުގެ ކުރިން މި އެއްބަސްވުމުގަައި އަމަލީ ސިފަޖެހޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ކިއުބާގައި ހައްޔަރުކޮށްފި ތިބި ސިޔާސީ ކުށްވެރިންނަށް އިއްވާފައިވަނީ އިންސާފުވެރި ހުކުމެއް ނޫންކަން ބައިޑަން ގަބޫލުކުރައްވާ ކަމަށްވެސް އެސޯސިއޭޓް ޕްރެސްއިން ބުންޏެވެ.
ޓެރަރިޒަމްގެ ލިސްޓުން ކިއުބާގެ ނަން ނެގުމުގެ އިތުރުން އެ ގައުމަށް ދަތިކުރަން އަޅާފައި ހުރި ބައެއް ފިޔަވަޅުތަކަށް ލުއިދޭނެ ކަމަށްވެސް އެމެރިކާގެ އޮފިޝަލް ވިދާޅުވި އެވެ.
ކިއުބާއަށް ލުއިތަކެއް ދީގެން ނަމަވެސް ދެ ގައުމުގެ ދެމެދުގައި އޮތް އަދާވާތްތެރިކަމުގެ ވިސްނުން ބަދަލުކުރުމަށް ޖޯ ބައިޑަންއަށް އެތައް ބަޔަކު ދަންނަވާފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޖޯ ބައިޑަންގެ ރިޔާސީ ދައުރު ނިމެން ހަފުތާއަކަށް ވުރެވެސް ކުޑަވެފައި ވަނިކޮށް ކިއުބާއަށް ދޭ ލުއިތައް -- ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގެން އަނބުރާ ގެނައުމަކީވެސް އެކަށީގެންވާ ކަމެވެ.
ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ކިއުބާއަށް ދަތިކޮށް މެދުވެރިން ލައްވައި ވަނީ އިގުތިސާދީ ގޮތުންވެސް އެތައް ޖެއްސުމެއް ކޮށްފަ އެވެ.