ހިލަރީ ކްލިންޓަން

ސެންޑާސް، ހިލަރީ ބަލިކުރަނީ؟

އެމެރިކާގެ ރިޔާސީ އިންތިހާބު ބޯމަތި ވަމުން އަންނަ އިރު ޕާޓިތަކުން ކުރިއަށް ގެންދާ ކެމްޕޭންތައް ވަނީ އެތައް ގުނައަކަށް އިތުރުކޮށްފަ އެވެ. ޕާޓީ ތަކުގެ ޕްރައިމަރީތައް ކުރިއަށްދާއިރު އެންމެ ވާދަވެރި ޕްރައިމަރީއެއް ކުރިއަށް ދަނީ ޑިމޮކްރެޓިކް ޕާޓީގެ ތެރޭގަ އެވެ. އެޕާޓީން ވާދަކުރައްވާ ހިލަރީ ކްލިންޓަން އަދި ބާނީ ސެންޑާސް އާ ދެމެދު މިވަނީ ބޮޑު ވާދަވެރި ކަމެއް އުފެދިފަ އެވެ.

ސެންޑާސް މިވަނީ އަނެއްކާވެސް އިތުރު އިންތިހާބެއް ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބުކޮށް ހިލަރީ އާ ދެމެދު އޮތް ފަރަގު އެތައް ތަނެއް ކުޑަކޮށްފަ އެވެ. އެމެރިކާއިން ބޭރުގައި ދިރިއުޅެމުންދާ އެމެރިކާ ރައްޔިތުންނަށް އިންޓަނެޓު މެދުވެރިކޮށް މިމަހުގެ އެކަކުން އަށަކަށް ކުރިއަށް ގެންދިޔަ ވޯޓުގެ މިހާރުގެ ނަތީޖާއަށް ބަލާއިރު ވޯޓު ލީ މީހުންގެ 69 ޕަސަންޓު ވޯޓު ކާމިޔާބުކޮށްފައިވަނީ ސެންޑާސް އެވެ. 38 ގައުމެއްގައި އުޅޭ 34،570 މީހުންނަށް އަމާޒުކުރި މި އިންތިހާބުން ހިލަރީއަށް ލިބުނީ 31 ޕަސަންޓު ވޯޓެވެ.

މިނަތީޖާއަށް ބަލާއިރު ހިލަރީ އާ އެއްވަރު ކުރުމަށް ސެންޑާސް އަށް މަދުވަނީ 319 ވޯޓެވެ. ނަމަވެސް އެއީ އެމެރިކާއިން ބޭރުގައި ތިބި މީހުންނަށް އަމާޒުކޮށްގެން ބޭއްވި މި އިންތިހާބުގަ އެވެ. އެމެރިކާގެ ގާނޫނޫ އަސާސީ ބުނާގޮތުން ގައުމުތަކުގައި ތިބޭ އެމެރިކާގެ މަންދޫބުންގެ ވޯޓުވެސް ވަކި އަދަދަކަށް ހަމަވާން ޖެހޭނެ އެވެ. އޭގައިވާ ގޮތުން އިންތިހާބަށް ނޮމިނޭޓް ވުމަށް 2،383 މަންދޫބުންގެ ވޯޓު ބޭނުންވެ އެވެ. ހިލަރީއަށް މިހާތަނަށް 1،163 މަންދޫބުންގެ ވޯޓު ލިބިފައިވާއިރު ސެންޑާސް އަށް ލިބިފައިވަނީ 844 މަންދޫބުންގެ ވޯޓެވެ.

ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީއަށް ބަލާއިރު އަދިވެސް ބޮޑު އަގުލަބިއްޔަތަކުން އިންތިހާބުގެ ކުރީގައި އުޅެނީ މަޝްހޫރު ބިލިޔަނަރު ޑޮނަލްޑް ޓްރަމްޕެވެ.